ޣައްޒާ ހަނގުރާމަ ކަހަލަ އާންމުނަށް ބޮޑެތި ގެއްލުންތަކާއި އަނިޔާތައް ލިބޭ ހަނގުރާމަތައް ހިނގަން މެދުވެރިވާ ސަބަބަކީ އދ ގެ ސަލާމަތީ މަޖިލީހުން ކަމަކަށް ކަމެއް ކުރާތީ ކަމަށް ބްރެޒިލްގެ ރައީސް، ލުއިޒް އިނާޝިއޯ ލޫލާ ޑާ ސިލްވާ ވިދާޅުވެއްޖެ އެވެ.
އދ އިން ގަރާރެއް ފާސްކުރިއެއް ކަމަކު ދުނިޔޭގެ ސަމާލުކަން ނުލިބޭނެ ކަމަށް ވެސް ލޫލާ ވިދާޅުވި އެވެ. ބައެއް ކަރާމާތާއި އަރުރު އަދި ނަފުސު ގަތުލުވެގެން ދާއިރު، އދ ގެ ގަރާރުތައް އޮންނަނީ ބާރުކެނޑިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދުނިޔެ ލައްވައި ތަންފީޒުކުރުވަން އެކުލަވަލާ ގަރާރަކަށް ގައުމުތައް ބޯލަނބާތޯ އދ އިން ނުބަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އދ ގެ ސަލާމަތީ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ގޮނޑި ހޫނުކުރުން ނޫން ކަމަށާއި ކޮންމެ މެމްބަރު ގައުމަކަށް ވެސް ބަސްބުނުމުގެ ހައްގު އޮންނާނެ ކަމަށް ލޫލާ ވިދާޅުވި އެވެ.
ސަލާމަތީ މަޖިލީހުގެ ރައީސަކީ ވެސް އދ ގެ މާއްދާތަކަށް އިހުތިރާމްކޮށް ގައުމުތައް ޒިންމާދާރުކުރުވަން ކެރޭ ވަރުގެ ސަޚުސިއްޔަތެއް ނަމަ -- މިއަދު ޣައްޒާގައި ހަނގުރާމަ ނުކުރާނެ ކަމަށް ވެސް ލޫލާ ވިދާޅުވި އެވެ.
ޔަހޫދީންނަކީ ވެސް ދުނިޔޭގައި ތިބޭނެ ބައިގަނޑެއް ކަމަށް ލޫލާ ވިދާޅުވި އެވެ. އެ މީހުންނަށް އެ މީހުންގެ ނަސްލު މުހިންމުވާ ފަދައިން ފަލަސްތީނަށް ވެސް އެ ގޮތް އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔަހޫދީންގެ ދިފާއުގައި ކަމަށް ބުނެ ޣައްޒާއަށް އެ ކުރަނީ މާބޮޑުވަރު ކަމަށް ވެސް ލޫލާ ވިދާޅުވި އެވެ. ޒަޔޮނިސްޓް ޔަހޫދީންގެ އަމަލުތައް ސިފަކުރެވެނީ މޮޔަ ކުއްތާތަކެއް ފަދައިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނަށް މިނިވަން ދައުލަތެއް ވުޖޫދުވުމަށް ދާންދެއް ޔަހޫދީންނަށް ދުޅަހެޔޮ ކުރިމަގެއް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ލޫލާ ވިދާޅުވި އެވެ.
ޣައްޒާ ހަނގުރާމަ ހުއްޓުވުމުގެ ބާރު އެމެރިކާއަށް އޮތް ކަމަށް ވިދާޅުވެ ލޫލާ ވިދާޅުވީ ޑިޕްލޮމެޓިކް ރޮނގުތަކުން މަސައްކަތް ކުރައްވައި ހަނގުރާމަ ހުއްޓާލުމަށް ރައީސް ޖޯ ބައިޑަންއަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށެވެ.
އޮކްޓޯބަރު ހަތެއްގައި ޔަހޫދީން ޣައްޒާއަށް ދޭންފެށި ހަމަލާތައް 50 ދުވަހަށް ފަހު ނޮވެމްބަރު 24 ގައި މެދުކަނޑާލި އެވެ. އެއީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަސީރުން ބަދަލުކުރުމަށެވެ.
ނަމަވެސް، ޑިސެމްބަރު އެކެއްގައި ހަމަލާތައް މިހާރު ވަނީ އަނެއްކާ ވެސް ފަށާފަ އެވެ.