އީވާ އަބްދުﷲ

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އިސްތިއުފާ ދެއްވީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ދިފާއުގައި ވާހަކަ ދެއްކެވުމަށްފަހު އެވެ.

އީވާގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ލިބުމާއެކު އެ ސިޓީ ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ.

އީވާގެ އިސްތިއުފާގެ ސިޓީއާއެކު ބައެއް މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަގާ އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުން ވާހަކަ ދައްކާފައިވާތީ ގަރާރުގައި ބަހުސްކޮށް ވޯޓުން ގޮތެއް ނިންމުމަށް ގޮވާލާފަ އެވެ. ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމުގެ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.

"މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން އިސްތިއުފާގެ ސިޓީ މަޖިލީހުގެ ރައީސަށް ލިބުމުން އިސްތިއުފާ ދެވުނީ. އިސްތިއުފާ ދިނުމަށްފަހު ދެން އިސްތިއުފާއާ ގުޅޭ މައްސަލައެއް އަޅުގަނޑަށް ކުރިއަށް ގެންދެވިދާނެ ކަމަށް ފެންނަން ނެތް ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމުގެ ގަރާރު މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހެޅީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.

މިމައްސަލައިގެ ނޯޓިސް އީވާ އާއި މެންބަރުންނަށް ފޮނުއްވީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.