ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް ހޮވުމަށް ރޭ ބޭއްވި ވޯޓުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕާ ހިލާފުވި ދެ މެންބަރަކަށް ފިޔަވަޅު އަޅައިދޭން އެދެން ނިންމައިފި އެވެ.
އެމްޑީޕީން ވަނީ ރޭގެ ޖަލްސާގައި ވިޕާ ހިލާފުވި ދެ މެންބަރުން ކަމަށްވާ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
މަޖިލީހުގެ ނައިބް ރައީސް ހޮވުމަށް ބޭއްވި ޖަލްސާގައި އެ މަގާމަށް އެމްޑީޕީން ހުށަހަޅަން ނިންމާފައި އޮތީ ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ނަމެވެ. އަދި އެމްޑީޕީގެ މެންބަރުން ސަލީމަށް ވޯޓު ދެއްވުމަށް ތްރީލައިން ވިޕް ނެރުނެވެ.
ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުމާ އެއްގޮތަށް މަޖިލީހުގެ ނައިބް ރައީސް ކަމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ ސަލީމުގެ ނަމެވެ. އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ މި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލްހަކީމް އެވެ.
އެކަމަކު ސަލީމުގެ ނަން ހުށަހަޅުއްވާފައި ވަނިކޮށް އެމްޑީޕީގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ މަޖިލީހުގެ ނައިބް ރައީސް ކަމަށް ޖާބިރުގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފަ އެވެ. މިހުށަހެޅުމަށް ދަ ޑިމޮކްރެޓްސްގެ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ތާއީދުކުރެއްވި އެވެ.
އެހެންވެ ސަލީމާއި ޖާބިރާ ދެ ބޭފުޅުންގެ ތެރެއިން މެންބަރުންނަށް ފެނިވަޑައިގަންނަވާ ބޭފުޅަކަށް ވޯޓު ދެއްވުމަށް މަޖިލީހުގެ ރިޔާސަތުން ހުޅުވާލުމުން ނެގުނު ސިއްރު ވޯޓު ކާމިޔާބު ކުރެއްވީ ސަލީމު އެވެ. އޭނާއަށް 51 މެންބަރުން ތާއީދުކުރެއްވިއިރު ޖާބިރަށް ތާއީދުކުރެއްވީ 23 މެންބަރުންނެވެ.