ދުނިޔެ

ޣައްޒާގައި އަދިވެސް އެތައް ހާސް ބަޔަކު ކުނިތަކުގެ ދަށުގައި

އޮކްޓޯބަރު ހަތަކުން ފެށިގެން ފަލަސްތީންގެ ޣައްޒާއަށް ޒަޔަނިސްޓް އަސްކަރިއްޔާއިން ދެމުންގެންދާ ހަމަލާތަކުގައި -- ސުންނާފަތިވެފައިވާ އިމާރާތަކުގެ ދަށުގައި -- އަދިވެސް އެތައް ހާސް ބަޔަކު ތާށިވެފައި ތިބި ކަމަށް މަދަނީ ދިފާއީ ޓީމުތަކުން ބުނެފި އެވެ.

މީގެތެރޭގައި ދިރިހުރި މީހަކު އޮވެދާނެ ކަމާ މެދު ޝައްކު ކަމަށް ދިފާއީ ޓީމުތަކުން ބުނެ އެވެ. މީހުންގެ ހަށިތަކާ ހިސާބަށް ދިއުމަށް ކުރާ މަސައްކަތްތަކުގައި ޔަހޫދީންގެ ހަމަލާތަކާ ހެދި ބޮޑެތި ތަކުލީފުތައް ހުރި ކަމަށްވެސް ޓީމުތަކުން ބުނެ އެވެ.

ޓީމުތަކުން ބުނި ގޮތުގައި ސުންނާފަތިވެފައި ހުރި އިމާރާތްތަކުގައި ހުރި ކުނިތައް ގިނަކަމާ އެކު އަދި ވަސީލަތްތައް މަދުވުމުގެ ސަބަބުން ހަށިތައް ނެގޭނެ ދުވަހެއްވެސް ނޭނގެ އެވެ.

ޣައްޒާ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާން މަހްމޫދު ބަސަލް ވިދާޅުވި ގޮތުން މީހުން ސަލާމަތްކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެސް ޔަހޫދީންގެ ހަމަލާތަކެވެ.

މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކަށް ޔަހޫދީން ދެމުން ގެންދާ ހަމަލާތައް ވަކިން ވަރުގަދަ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ޔަހޫދީން ހަމަލާދެނީ ހަމަ ގަސްދުގައި މަދަނީ ޓީމުތަކަށް ޖެއްސުން ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބަސަލް ވިދާޅުވި ގޮތުގައި ކުނިތަކުގެ ދަށުން ހުރިހާ މީހުން ނެގުމުގެ ކުޅަދާނަކަން އެ މީހުންނަށް ލިބިފައެއް ނުވެ އެވެ. މަސައްކަތްކުރާނެ މީހުންނާއި ތަކެތީގެ ދަތިކަމުގެ އިތުރުން ޔަހޫދީންގެ ޖެޓުތަކުން ކުރާ ޖެއްސުން މާބޮޑު ކަމަށް ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ގޮތެއް ނެތް ހާލަތުގައި ދެން ޖެހޭނީ ހަށިތައް ކުނިވާން ދޫކޮށްލާށެވެ.

ޣައްޒާއަށް ޒަޔަނިސްޓުން ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 15،500 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. މިއީ އެ މިނިސްޓްރިއަށް ރިކޯޑްކުރެވިފައި އޮތް އަދަދެވެ. ގެއްލިފައިވަނީ ކިތައް މީހުންކަން އަދި އެ މިނިސްޓްރީއަށް ސާފުނުވާ ކަމަށް ވެއެވެ.

ޣައްޒާއަށް އިންސާނީ އެހީތެރިކަން ވެއްދުމަށް ޔަހޫދީންގެ ހަމަލާތައް ހަފުތާއަކަށް މެދުކަނޑާލުމަށްފަހު މިހާރު ވަނީ އިހުނަށް ވުރެ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. ޣައްޒާގެ އުތުރުން މީހުން ފައްސާލުމަށް ފަހު ދެކުނު ޣައްޒާއިން ބޭރުވުމަށް ވެސް ޔަހޫދީން ދަނީ ގޮވަމުންނެވެ.

ޔަހޫދީން ބުނާ ގޮތުން އުތުރު ޣައްޒާއިން މީހުން ބޭރުކުމަށްފަހު ޣައްޒާގެ ވަކި ހިސާބަކަށް ފަލަސްތީން މީހުން ވަނުން މަނާކުރާނެ އެވެ. އެއީ ޒަޔަނިސްޓް އާބާދީތަކަށް ނުރައްކަލަކަށް ވެދާނެތީ ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޮތި ވިދާޅުވެފަ އެވެ.

ނަތަންޔާހޫގެ މި ނިންމުމަށް ދުނިޔޭގެ ގައުމުތަކުން ނުރުހުން އަމާޒުވެފައި އޮތް ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. ޔަހޫދީން ކަންކުރާނީ ޔަހޫދީންނަށް ފެންނަ ގޮތަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.