ދުނިޔެ

ޔަހޫދީންގެ ދެ އުޅަނދަކަށް ހޫސީން ހަމަލާދީފި

ހޫސީންގެ ކަނޑުފޭރޭ ގުރޫޕްތަކުން ޒަޔަނިސްޓު ވިޔަފާރިވެރިންގެ ދެ އުޅަނދަކަށް ރަތްކަނޑުގައި ހަމަލާދީފި އެވެ. ހޫސީން މިހާރު ވަނީ މި ހަމަލާގެ ޒިންމާ ނަގާފަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވެސް ވަނީ މިކަން ޔަގީންކޮށްދީފަ އެވެ. މިއީ ބައިނަލްއަގްވާމީ ކަނޑުތަކުގައި ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުން ގިނަ ދުވަސްކޮޅެއް ކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެ އެވެ.

ހޫސީން ބުނާ ގޮތުން ޒަޔަނިސްޓް ވިޔަފާރި އުޅަދުތަކަށް ހަމަލާދިނީ ޑްރޯނުންނާއި މިސައިލުންނެވެ. ޔަހޫދީންގެ އުޅަނދުތަކަށް ހަމަލާތައް އިތުރުކުރާނެ ކަމަށްވެސް ބުންޏެވެ.

ހޫސީން ބުނީ ވިޔަފާރި އުޅަނދުތަކަށް ހަމަލާދޭން ޖެހުނީ ދިން އިންޒާރަށް އިޖާބަ ނުދިނުމުން ކަމަށެވެ. އެ ޖަމާއަތުން ހަމަލާދިނީ ޔުނިޓީ އެކްސްޕްލޯރާ ނަމަކަށް ކިޔާ އުޅަދަކަށާއި "ނަންބަރު 9" ނަމަކަށް ކިޔާ އުޅަދަކަށް ކަމަށް އެ މީހުން ބުންޏެވެ.

ހޫސީން ބުނާ ގޮތުން ހަމަލާ ދޭން ޖެހުނީ ޒަޔަނިސްޓުންގެ މުދަލަށް ގެއްލުންދިނުމަށް އެ މީހުންގެ ބައިވެެރިން ގޮވާލާފައި އޮތް އޮތުމަށާއި ޔަހޫދީންގެ އަނިޔާވެރިކަމުން ޣައްޒާއަށް ލިބެމުންދާ ގެއްލުމަށް ބަދަލުހިފުމަށެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ބުނި ގޮތުން ރަތްކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކަށް ލިބުނު ސިގްނަލަކަށް އިޖާބަދިނުމުގެ ގޮތުން ދަތުރުކޮށް ގޮސް ބެލިއިރު ހޫސީން ވަނީ ދެ އުޅަނދަކަށް ހަމަލާދީފަ އެވެ.

ހޫސީންގެ ތިން ޑްރޯނެއް ވައްޓާލައި ވިޔަފާރި އުޅަނދުގައި ތިބި މީހުންނަށް އެހީތެރިވެދިން ކަމަށްވެސް އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.

އެމެރިކާ އަސްކަރިއްޔާގެ ތަރުޖަމާން ރިއާ އެޑްމިރަލް ޑެނީލް ހަގާރީ ވިދާޅުވި ގޮތުގައި އެ ދެ ބޯޓަކީ ޔަހޫދީންނާ އެއްވެސް ގުޅުމެއް އޮތް ދެ އުޅަނދެއް ނޫނެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ އުޅަނދެއްކަން ތަރުޖަމާން ވިދާޅެއް ނުވެ އެވެ.

ޣައްޒާއަށް ޔަހޫދީ ސަރުކާރުން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ކަނޑުތަކުގައި އަދި ބައިނަލްއަގްވާމީ ކަނޑުތަކުގައި ޔަހޫދީންނަށް ގެއްލުންދިނުން ވަނީ އިތުރުވެފަ އެވެ.

ހޫސީން ވެސް ވަނީ ޔަހޫދީ އުޅަނދުތަކަށް ގެއްލުންދޭނެ ކަމަށް ބުނެފަ އެވެ. އަދި ޔަހޫދީ އާބާދީތަކަށް ޑްރޯނާއި މިސައިލުން ހަމަލާދޭނެ ކަމަށް އޮތީ ބުނެފަ އެވެ.

ޣައްޒާއަށް ހަމަލާދިނުމުގައި ޔަހޫދީން ތިބިހާ ހިނދަކު ހޫސީންގެ ހަމަލާތައް ނުހުއްޓާނެ ކަމަށްވެސް އެ ޖަމާއަތުން އޮތީ ބުނެފަ އެވެ.