ދުނިޔެ

ޣައްޒާއަށް އެއްގަމު މަގުން އަރާ ތިބި ޒަޔަނިސްޓުން ފައިބަނީ

ޣައްޒާއަށް ޒަޔަނިސްޓުން ދެމުން ގެންދާ ހަމަލާތަކަކީ ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ ހަމަލާތަކެއް ކަމަށް ޔަހޫދީ ސަރުކާރުން ބުނެފި އެވެ. އަދި ބުނީ ދެން އޮތީ ތިންވަނަ ފިޔަވަހި ފެށުން ކަމަށާއި -- ތިންވަނަ ފިޔަވަހީގައި ފުރަތަމަ ކަމަށް އޮތީ ޣައްޒާއަށް އެއްގަމު މަގުން އަރާ ތިބި އަސްކަރީ ބާރުތައް ބޭލުންކަމަށެވެ.

ތިން ވަނަ ފިޔަވަހީގައި ހިމެނެނީ ޣައްޒާއިން ސިފައިން ބޭލުމާއި، ބޯޑަރުތަކުގައި ތިބި ސިފައިން މަދުކުރުން، ރިޒާފް ސިފައިން މަދުކުރުން، ވަނުން މަނާ ސަރަހައްދެއް އުތުރު ޣައްޒާގައި ގާއިމުކުރުން އަދި ވައިގެ ހަމަލާތައް ދެމެހެއްޓުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޒަޔަނިސްޓް އަސްކަރިއްޔާއިން ކުރިން ވިސްނާފައި އޮތް ގޮތަށް ޣައްޒާ ހަމަލާތައް ކުރިއަކަށް ނުގެންދެވުނެވެ. ހަމާސް ޖަމާއަތުން ދޭން ފެށި ރައްދު ހަމަލާތަކުގައި ޔަހޫދީ ސިފައިން މަރުވާ މިންވަރު އިތުރުވާން ފެށުމުން -- ދެވަނަ ފިޔަވަހި ނުނިމެނީސް ހުއްޓާލީ އެވެ.

ޣައްޒާއަށް އޮކްޓޯބަރު 27 ގައި ޒަޔަނިސްޓު ސިފައިން އަރައިގަނެ ފަށައިގަތް އޮޕަރޭޝަންގައި 472 ޔަހޫދީ ސިފައިން މަރުވެފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޒަޔަނިސްޓުން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތީ އެކަން އެ ގޮތަށް ނުކުރުމަށް ދުނިޔެ ގޮވާލަމުން ދަނިކޮށެވެ. ޒަޔަނިސްޓުނަށް އެންމެ އޯގާވެރި އެމެރިކާއިން ވެސް އޮތީ ޣައްޒާއަށް ނޭރުމަށް ގޮވާލާފަ އެވެ.

ނަމަވެސް، ގޮތް ދޫނުކުރުމަށް މަޝްހޫރު ޔަހޫދީން ބަސް ގަބޫލުނުކޮށް ޣައްޒާއަށް އަރައިގަތީ އެވެ. އެއާ ވިދިގެން އެ މީހުންނަށް ތަޖުރިބާކުރަން ޖެހުނީ -- އެމެރިކާއިން ދިން އިންޒާރުގައި، އަފްޣާނިސްތާންގައި އެމެރިކާ ސިފައިންނަށް ދިމާވި ކަހަލަ ހާދިސާތަކެކެވެ.

ޣައްޒާ އަކީ ހަމާސްއަށް ފަރިތި ބިމެކެވެ. ޔަހޫދީންނަށް ބީރައްޓެހި ފަސްގަނޑެކެވެ.

ހަމާސް އިން ހަރުކޮނެ ބިމުއަޑީގައި ތިބީ ކޮން ތަނެއްގައި ކަމެއް ޒަޔަނިސްޓުންނަކަށް ނޭނގެ އެވެ. އިނގިރޭސިވިލާތާއި އެމެރިކާގެ ޖާސޫސީ މަތިންދާބޯޓުތަކުން ޔަހޫދީންނަށް ފޯރުކޮށްދޭ މައުލޫމާތުތަކުން ވެސް -- އުތުރު ޣައްޒާގައި ޔަހޫދީންނަށް ކުރި އެރޭ ގޮތެއް ނުވި އެވެ.

ޔަހޫދީންނަށް ދެން އޮތް ގޮތަކީ ހަމާސްގެ ސިފައިން އަތުލުމަށް ޓަކައި މުޅި ޣައްޒާގެ ބިންގަނޑު ފަސްގަނޑުޖަހައި، ކޮނެ ނެގުމެވެ. މިއީ ވެސް މުޅި ތަން ހަނަވަސްކޮށް ނުލައި ޔަހޫދީންނަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

އޮކްޓޯބަރު ހަތެއްގައި ހަމާސްއިން ޒަޔަނިސްޓު އާބާދީތަކަށް ދިން ކުއްލި ހަމަލާތަކުގައި، މިހާތަނަށް ޒަޔަނިސްޓުންނަށް އެކަށީގެންވާ ވަރުގެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ނިސްބަތުން ޣައްޒާއަށް ލިބުނު ގެއްލުން ވަރަށް ބޮޑެވެ. ނަމަވެސް، މިވަރުގެ ބޮޑު ގެއްލުންތަކެއް ޒަޔަނިސްްޓު ޔަހޫދީންނަށް މިއިން ޒަމާނަކު ވެސް ހަމާސްގެ ފަރާތުން ލިބިފައެއް ނުވެ އެވެ.