ޣައްޒާގެ ބިމުއަޑީގައި ހަމާސްގެ ހަނގުރާމަވެރިން ތިބި ކަމަށް ޒަޔަނިސްޓް ޔަހޫދީން ބުނާ ބިންގަރާސްތަކަށް ލޮނުފެން އަޅައި ފުރާލައިފި ނަމަ، ޣައްޒާގެ ފެން ފަށަލަ މުޅިން ހަލާކުވެ ދަނޑުބިންތައް ބޭނުންނުކުރެވޭ ވަރު ވާނެ ކަމަށް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ މީހުން ބުނެފި އެވެ.
ޒަޔަނިސްޓް ޔަހޫދީން ޣައްޒާއަށް އެއްގަމު މަގުން އަރައި މުޅިތަން ސުންނާފަތިކޮށް ދެން ހުރިތަނެއް ލޫޓުވަމުން އެ ދަނީ ހަމާސްގެ މެމްބަރަކު އަތުޖެހޭތޯ ކަމަށް ޔަހޫދީން ބުނެ އެވެ.
ހަމާސްއިން ފޮރުވައިގެން ގެންގުޅޭ ޔަހޫދީ އަސީރު އަތުލައި، ހަމާސްގެ ޒަމާން ދުއްވާލުމަކީ ވެސް ޒަޔަނިސްޓުން ކުރާ މޮޅު ފިކުރެކެވެ.
ރޮއިޓާސްއާ ހަވާލާދީ ފެތުރެމުން އަންނަ ރިޕޯޓެއް ބުނާ ގޮތުން، ހަމާސް ނައްތާލުމަށް ޓަކައި ޒަޔަނިސްޓުން މިހާރު ވިސްނަނީ ޣައްޒާގެ ބިމުއަޑީގައި ހަދާފައި ހުރި ބިންގަރާސްތަކުގައި ފެންބޮޑުކުރުމަށެވެ. މި ގޮތަށް ބޭނުންކުރަން ނިންމާފައި ވަނީ ލޮނުފެން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ބިންގަރާސްތަކުގައި ލޮނުފެން ބޮޑުކުރަން ނުފެށިގެން އުޅެނީ، ރިޕޯޓްތައް ބުނާ ގޮތުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން ތިބި ތަނެއް ކަށަވަރު ނުކުރެވިގެންނެވެ.
އެމެރިކާ އާއި އިނގިރޭސިންގެ ޖާސޫސީ މަތިންދާބޯޓުތަކަށް ވެސް އެ މީހުން ތިބި ތަން އަދި ދެނެގަނެވިފައި ނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ތިމާވެށީގެ ތަރުޖިބާކާރުން ދެކޭ ގޮތުގައި ޣައްޒާގެ ފެން ފަށަލަ އަކީ އެހާ ބާރުގަަދަ ފެން ފަށަލައެއް ނޫނެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ފަސްގަނޑަށް އަޅާފައި ހުރި ބަޑިބޭހުގެ ސަބަބުން -- ފަސްގަނޑުގެ ތަބީއީ ދިރުން ވަނީ ނާޒުކުވެފަ އެވެ.
ރޮއިޓާސް ބުނި ގޮތުގައި ޒަޔަނިސްޓު ޔަހޫދީން ޣައްޒާގެ ބިންގަރާސްތައް ލޮނުފެނުން ފުރާލުމަށް ޓަކައި ބާރުގަދަ ޕަންޕުތައް މިހާރު ހުރީ އުތުރު ޣައްޒާއަށް ޖަމާކޮށްފަ އެވެ. މިއީ ކަނޑުން ލޮނު ދަމައިގަނެ ބިންގަރާސްތައް އިސާހިތަކު ފުރާލެވޭ ވަރުގެ ބާރުގަދަ ޕަންޕުތަކެކެވެ.
ނަމަވެސް، ޔަހޫދީ އަސްކަރިއްޔާއިން ބިންގަރާސްތަކުގައި ފެންބޮޑުކުރަން ވިސްނާފައި އޮތީ ދިގުދަންމާލައިގެން -- ލަސްލަހުންނެވެ. އެއީ ބިންގަރާސްތަކުގައި މިހާރު ބަޔަކު ތިބި ނަމަ ސަލާމަތްވުމަށް ފުރުސަތު ދިނުމަށެވެ.
މި ގޮތުން ޔަހޫދީ އަސީރުން ބިންގަރާސްތަކުން ނެރުމަށް ހަމާސްއަށް މަޖުބޫރުވާނެ ކަމަށް ޔަހޫދީން ދެކެ އެވެ. އަދި ހަމާސްގެ ހަނގުރާމަވެރިން ވެސް ބިންގަރާސްތަކުން ނުކުމެ ހަމަބިމަށް އަރާނެ ކަމަށް ވެސް ޔަހޫދީން ގަބޫލުކުރެ އެވެ.