ޒަޔަނިސްޓް ޔަހޫދީންގެ ޖަލުތަކުގައި ކުށެއް ނެތް 7،800 އަށް ވުރެ ގިނަ ފަލަސްތީންގެ އާންމު ރައްޔިތުން ބަންދުކޮށްފައި އެބަ ތިބި ކަމަށް -- ބަންދުކޮށްފައި ތިބި މީހުންގެ ހިމާޔަތުގައި ވާކާލާތުކުރާ ފަލަސްޓައިން ޕްރިޒަނާ ސޮސައިޓީން ބުނެފި އެވެ.
ފަލަސްޓައިން ޕްރިޒަނާ ސޮސައިޓީ އަކީ ފަލަސްތީންގެ ސަރުކާރާ ގުޅުމެއް އޮން ޖަމާއަތެއް ނޫނެވެ. މިއީ ގައުމުތަކުގައި އެކި ތުހުމަތުތަކަށް ހައްޔަރުކޮށްފައި ތިބޭ މީހުންގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމާއަތްތަކާ ގުޅިގެން ހިންގާ ޖަމާއަތެކެވެ.
ޔަހޫދީން ހައްޔަރުކޮށްފައި ތިބި ފަލަސްތީން މީހުންގެ ތެރޭގައި 33 އަންހެނަކާއި، 166 ކުޑަކުދިން އަދި 2،873 ފިިރިހެނުން ހިމެނެ އެވެ. މީގެ ތެރޭގައި ގިނައީ ދައުވާއެއް ޝަރީއަތަތެއް ހިންގުމެއް ނެތި -- ޔަހޫދީ ވެރިންނަށް ހަމަ ފެނުނީތީ ހައްޔަރުކޮށްފައި ތިބި މީހުންނެވެ.
އޮކްޓޯބަރު ހަތެއްގައި ޣާއްޒާ ހަނގުރާމަ ފެށުމުގެ ކުރިން ޔަހޫދީންގެ ޖަލުތައި ތިބި ކަމަށް ފަލަސްޓައިން ޕްރިޒަނާ ސޮސައިޓީން ބުނާ އަދަދަކީ 5،250 މީހުންނެވެ. ޝަރީއަތަކާ ނުލައި އޭރު ހައްޔަރުކޮށްފައި ތިބި ކަމަށް ބުނަނީ 1،319 މީހުންނެެވެ.
ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނުން ހައްޔަރުކުރާ މީހުންގެ އަދަދު އާންމު ހާލަތާ އަޅާ ބަލާއިރު ދެގުނަ އިތުރު ކަމަށް ފަލަސްޓައިން ޕްރިޒަނާ ސޮސައިޓީން ބުނެ އެވެ.
ހަމާސްއާ ޔަހޫދީންނާ އެކު ކުށްވެރިން ބަދަލުކުރަން ހެދި އެއްބަސްވުމުގެ ދަށުން -- އޮކްޓޯބަރު ހަތެއްގައި، ހަމާސްއިން ހިފެއްޓި ޔަހޫދީންގެ ބަދަލުގައި ޒަޔަނިސްޓް ޖަލުތަކުން ފަލަސްތީންގެ އާންމުން ކޮންމެވެސް ވަރަކަށް ދޫކުރި އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ޖަލުތަކުން ދޫކުރި ވަރަށް ވުރެ އިތުރަށް ޔަހޫދީން ވަނީ ފަލަސްތީންގެ އާންމުން ހައްޔަރުކޮށްފަ އެވެ.
ޣައްޒާ ހަނގުރާމާގައި ޔަހޫދީންގެ ހަމަލާތަކުގައި މަރުވި ފަލަސްތީން މީހުންގެ އަދަދު 16،000 އަށް ވުރެ އިތުރުވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ އަދި މަރު ކަށަވަރުކުރެވިފައި އޮތް އަދަދެވެ.
ސުންނާފަތިކޮށްފައި ހުރި އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުންނާއި ވަޅުލެވިފައި ތިބި މީހުން އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން އަދަދު ހިމަނައިފިނަމަ -- ފަލަސްތީނުން މަރުވި މީހުންގެ އަދަދު 20،000 އަށް އަރާނަ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ޣައްޒާއަށް ޒަޔަނިސްޓުން ދެމުންގެންދާ ހަމަލާތަކުގައި ޣައްޒާއަށް މީގެ ކުރިން އަޅާފައި ނުވާ ވަރުގެ ބާރުގަދަ ބޮންތައް ވަނީ އަޅާފަ އެވެ.
ޣައްޒާ އަކީ މިހާރު މީހުން ދިރިއުޅެން ކަމުދާ ބިމަކަށް ނުވާނެ ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެ އެވެ.