ސާޖިދާ މުހައްމަދު

"ސަރުކާރުން ބޭނުންވަނީ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުން ބާރުވެރިކުރަން"

މިސަރުކާރުގެ މަގުސަދަކީ ގައުމީ ތަރައްގީގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ "ޖެންޑަ ޑޭޓާ ޔޫސް އިން ޕޮލިސީ މޭކިން ވެލިޑޭޝަން އެންޑް އެޑްވޮކަސީ ވާކްޝޮޕް'ގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.

ފަސްޓްލޭޑީ ވިދާޅުވީ ސިޔާސަތު ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމަށް ވިސްނައި ލިބެންހުރި މައުލޫމާތުގެ ފުރިހަމަ ބޭނުން ހިފުމަކީ އިހްތިޔާރީ ކަމަކަށް ވުރެ ބޮޑަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މެޑަމް ސާޖިދާ ވިދާޅުވީ މި ވަގުތަކީ މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން ލިބެންހުރި މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް އާ ސިޔާސަތުތައް އެކުލަވައިލުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ.

ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރައްވާ އެކަމަނާ ވަނީ ސިޔާސަތުތަކާއި ގަވާއިދުތަކާއި ގާނޫނުތައް އެކުލަވައިލާއިރު ރައްޔިތުންގެ އުއްމީދުތަކާ މެދު ވިސްނުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

މި ސަރުކާރުން މިންތީގެ ހަމަހަމަ ކަމަށް ކުރާ މަސައްކަތްތަކަށް ބައްލަވާލައްވަމުން އެކަމަނާ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި މިންތީގެ ހަމަހަމަ ކަމަށް މަސައްކަތްކުރުން ނޫން ކަމަށާއި ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ކަމަށެވެ.

"އިގްތިސާދީ ދާއިރާގައި އޮންނަ އަންހެނުންގެ ހިއްސާ އިތުރުކުރުމާއި ސިޔާސީ ދާއިރާއާއި ރައްޔިތުންނަށް އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭ އެއް ދާއިރާ،" ފަސްޓްލޭޑީ ވިދާޅުވި އެވެ.

މިމަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ޕާޓްނަޝިޕް އިން ސްޓެޓިސްޓިކްސް ފޯ ޑިވެލޮޕްމަންޓް އިން ދަ ޓުވެންޓީ ފަސްޓް ސެންޗަރީ (ޕީއޭއާރްއައިއެސް 21) އާ ގުޅިގެން ކޮށްފައިވާ ދިރާސާގެ އަލީގައި ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަރުހަލާގައި މިންތީގެ ހަމަހަމަ މައުލޫމާތު ހިމެނުމުގެ މުހިންމު ކަމުގެ މައްޗަށެވެ.