ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ 100 ދުވަހު އެމަނިކުފާނާއި އަބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރިއްކޮޅަށް ދައުލަތުން 30 މިލިއަން ރުފިޔާ ހޭދަކުރި ކަމަށް ބުނާ ވާހަކަތައް ރައީސް ދޮގު ކުރައްވައިފި އެވެ.
ރައީސްގެ ދެކަނބަލުންގެ ފަރިއްކޮޅާ ގުޅޭގޮތުން ބައެއް ވެބްސައިޓްތަކުގައި ލިޔެފައިވާ ހަބަރުތަކެއް ރައީސް މުއިއްޒު ދޮގުކުރެއްވީ ރައްޔިތުންގެ ސުވާލުތަކަށް އެމަނިކުފާނު ކޮންމެ ދުވަހަކުވެސް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދާ ސިލްސިލާގައި މިއަދު އާންމު ރައްޔިތަކު ކުރި ސުވާލުގެ ޖަވާބުގަ އެވެ.
ސުވާލު ކުރި މީހާ ބުނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ 100 ދުވަހު ރައީސްގެ ދެކަނބަލުންގެ ފަރިއްކޮޅަށް 30 މިލިއަން ރުފިޔާ ދައުލަތުން ހަރަދު ކުރި ކަމަށް ބުނާ ކަމަށެވެ. އަދި ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމަށްފަހު ރިޔާސީ ގަނޑުވަރު -- މުލިއާގެ އަށް ބަދަލުވެވަޑައިގަތުމާ ހަމައަށް އަމިއްލަ ގެކޮޅު -- މ. ދިމްޔާތުގައި ހުންނެވި ދުވަސްވަރު އެކި ކަންކަމަށް ދައުލަތުން 25 މިލިއަން ރުފިޔާ ހޭދަކުރި ކަމަށްވެސް ބުނާ ކަމަށް ސުވާލުކުރި މީހާ ބުނެފައިވެ އެވެ. އެހެންވެ ރައީސްގެ ކިބައިން އޭނާ އެދިވަޑައިގަތީ މިކަމުގެ ހަގީގަތް ސާފުކޮށްދިނުމަށެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ ކުރިއާ ހިލާފަށް ހަގީގަތާ ހިލާފު ވާހަކާތައް ފެތުރުން މިހާރު ވަރަށް ބޮޑަށް އިތުރުވެެއްޖެ ކަމަށެވެ. އޭގެފަހުގައި ރައީސް ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުންނާ ގުޅޭގޮތުން ދެކެވެމުން ދިޔަ ވާހަކަތަކަކާ ގުޅިގެން ސުވާލެއް ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި ސުވާލުގައި ހިމެނޭ ވާހަކަތަކަކީ އެމަނިކުފާނުވެސް ޖަވާބެއް ދޭން ބޭނުންވެ އެކަމަކު ޖަވާބެއް ނުދެވި އޮތް ވާހަަކައެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެން އަމިއްލަ ގެކޮޅުގައި ހުންނެވި ދުވަސްވަރު ދައުލަތުން 25 މިލިއަން ރުފިޔާ އަދި އެމަނިކުފާނާއި އަނބިކަނބަލުންގެ ފަރިއްކޮޅަށް ދައުލަތުން 30 މިލިއަން ރުފިޔާ ހޭދަކުރި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ރައީސް ވިދާޅުވި އަމިއްލަ ގެކޮޅުގައި ހުންނެވި ދުވަސްވަރު ދައުލަތުން އެންމެ ރުފިޔާއެއްވެސް ހަރަދުކޮށްފައި ނުވާނެ ކަމަށާއި ހުރިހާ ހަރަދެއްވެސް ކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ. އެކަމަކު އެއީ ދައުލަތުން ކުރަން އޮންނަ ހަރަދެއް ކަމަށާއި ނަމަވެސް އަމިއްލަ އޭރު އެ ހަރަދު ކުރެއްވެވީވެސް ފަހުން އެ ވާހަކަ ގޯސްކޮށް ދައްކަން ބަޔަކަށް ފުރުސަތު ދޭން ބޭނުން ނުވާތީ ކަމަށެވެ.
"ގޭގައި [އޭރު] ސެކިއުރިޓީންވެސް ހަމަ ތިބޭ. އަޅުގަނޑު ހަމަ ހުރިހާ އެންމެންވެސް ހަމަ އަޅުގަނޑުމެން ގޭގެ ހަރަދުގައި ބޭތިއްބީ. އަދި ކެއުމަށްވެސް އެއްވެސް ކަމަކަށް ގޭގައި ނުހުންނާނެ ހަރަދުކޮށްފައެއް. ދައުލަތުން ހަރަދުކުރާ ގޮތަށް އޮންނަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުންގެ 100 ދުވަހުގެ ކެއުމަށް 30 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ބުނާ ބުނުމަކީވެސް ބުއްދީގެ ހަމަތަކުން ބެލި ނަމަވެސް ގަބޫލުކުރެވޭނެ ވާހަކައެއް ނޫން ކަމަށެވެ. ރިޔާސީ ގަނޑުވަރުގެ ބަޖެޓުގައިވެސް ފަރިއްކޮޅަށް އޮންނަނީ އަހަރަކު ހަތް ލައްކަ ރުފިޔާ ކަމުގައިވެސް ވިދާޅުވި އެވެ.
"ދެން 30 މިލިއަން ވިއްޔާ ދުވާލަކު އެތައް ލައްކަ ރުފިޔާއެއް ހަރަދުކޮށްގެން ނޫންތޯ 100 ދުވަސް ތެރޭގައި 30 މިލިއަން ރުފިޔާ ހަރަދުވާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިސަރުކާރާ އަދި އެމަނިކުފާނާ ގުޅޭގޮތުން ސިޔާސަތެއްގެ ގޮތުގައި ދެކިގެން ބަޔަކު ދޮގު ވާހަކަތަކެއް ފަތުރަނީ ދައްކާނެ ވާހަކައެއް ނެތުނުމުން ކަމަށެވެ.
"ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން އޮތީ މިކަހަލަ އެއްވެސް ވާހަކައެއް އިވިއްޖެއްޔާ ކަންކަމުގެ ހަގީގަތް ބައްލަވާށޭ. ހަމަ ވަރަށް ސާފުކޮށް ފެންނާނެއޭ،" ރައީސް ވިދާޅުވި އެވެ.