ރައީސް އޮފީސް

ރައީސްގެ އާއިލާއަކީ ކަރޯކޭއަށް ލަވަ ވިދާޅުވާ އާއިލާއެއް ނޫން: ޚަލީލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާ މުލިއާގެއަށް ބަދަލުވެވަޑައިގެން ދައުލަތުގެ ހަރަދުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރާ ފޮޓޯ އަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ފޮޓޯއެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ އާއިލާ އަކީ އެއްވެސް އިރަކު ކަރޯކޭއަށް ލަވާ ވިދާޅުވާ ބޭފުޅުން ތިއްބެވި އާއިލާއެއް ނޫން ކަމަށްވާތީ ދައުރުކުރާ ފޮޓޯއަކީ ރައީސްގެ އާއިލާއާ ގުޅުން ހުރި ފޮޓޯއެއް ނޫނެވެ.

"ދައުރު ކުރާ ފޮޓޯއާ ގުޅުވައި ސިޔާސީ ބޭފުޅުން ދައްކަވަމުން ގެންދަވަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ދޮގުވާހަކަތައް ފަތުރަނީ ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު ބޮޑެތި ހިޔާނާތްތައް ފޮރުވަން މަސައްކަތް ކުރައްވާ ބޭފުޅުންގެ ފަރާތުން ކަމަށެވެ.

ހަލީލް އިތުރަށް ވިދާޅުވީ އަސްލެއް ނެތް ފޮޓޯތައް މީޑިއާއަށް ނެރެ ދޮގު ތުހުމަތުތައް އެހެން ބޭފުޅެއް މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެބޭފުޅުން ކުރައްވާފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ އަމާޒު އަނބުރާލުމަށް ކަމަށެވެ.