ޣައްޒާގެ ސައިޒު ކުޑަވާ ގޮތަށް، ޣައްޒާގެ ތެރޭގައި ވަނުން މަނާ ސަރަހައްދެން ހަދައިގެން ނުވާނެ ކަމަށް ބުނެ އެމެރިކާއިން ޔަހޫދީ ސަރުކާރަށް އިންޒާރުދީފި އެވެ.
މިއީ ޒަޔަނިސްޓް ޔަހޫދީން ވިސްނާފައި އޮތް ގޮތަށް -- ޣައްޒާ ހަނގުރާމައަށް ފަހު، ޣައްޒާ ތެރޭގައި ފަލަސްތީންގެ އާންމުންނަށް ވަނުން މަނާ ސަރަހައްދެއް ހައްދަވާނެ ކަމަށް ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި އޮތް އޮތުމަށް އެމެރިކާއިން ދިން ޖަވާބެކެވެ.
ޣައްޒާ ތެރޭގައި "ބަފާ ޒޯން" -- ޔަހޫދީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދެއް ހެދުމަކީ، ޣައްޒާއަށް އެ ސަރަހައްދު ބީވެދާނެ ކަމުގެ އަލާމާތެކެވެ.
ޔަހޫދީންގެ އަތްދަށުގައި ބޭއްވުމަށް ފަހު ދުވަސްކޮޅަކުން އެއީ ޒަޔަނިސްޓުންނަށް ގެދޮރުއަޅައިދޭ ސަރަހައްދެއް ނުވަތަ ޒަޔަނިސްޓް އަސްކަރީ މަރުކަޒެއް އެ ސަރަހައްދުގައި ހެދުމަކީ ޔަހޫދީންގެ ވިސްނުމަކަށް ވެދާނެ އެވެ.
"ބަފާ ޒޯން" އަކީ އީރާގު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން އެ ސަރަހައްދުގައި ހަދައިގެން އުޅުނު "ނޯ ފްލައި ޒޯން" ނުވަތަ އުދުހުން މަނާ ކަހަލަ ސަރަހައްދެކެވެ. މި ސަރަހައްދުތަކަށް ވަދެވޭނީ އެ ސަރަހައްދެއް ކޮންޓްރޯލްކުރާ އަސްކަރީ ބާރުތަކަށް އެކަންޏެވެ.
ޣައްޒާގައި ވަނުން މަނާ ސަހަރައްދެއް ހަދާނެ ކަމަށް ބުނެ ޔަހޫދީ ސަރުކާރުން ވަނީ އަރަބި ގައުމުތަކަށް ލިޔުން ފޮނުވާފަ އެވެ. ބޭނުމެއް ކަމަށް ބުނެފައި ވަނީ ފޭރިގެންފައި އޮތް ފަލަސްތީންގެ ބިންތަކުގައި ޔަހޫދީންނަށް އަޅައިދީފައި ހުރި އިމާރާތްތަކަށް އޮތް ނުރައްކާ ކުޑަކުރުމެވެ.
ޣައްޒާގައި މީހުން ދިރިއުޅޭ ސަރަހައްދު، ޔަހޫދީ އާބާދިތަކާ ދުރުކުރި ވަރަކަށް ޔަހޫދީންނަށް ރައްކާތެރިކަން ބޮޑުވާނެ ކަމަށް ޒަޔަނިސްޓް ސަރުކާރުން ދެކެ އެވެ.
އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން މެތޫ މިލާ ވިދާޅުވި ގޮތުގައި ޣައްޒާގެ ސައިޒަށް ކުޑަވެސް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އެމެރިކާ ތާއީދެއް ނުކުރާނެ އެވެ. އަދި އެއީ ޣައްޒާއާ މެދު ބައިޑަން ސަރުކާރުން ވިސްނާ ގޮތާ މުޅިން ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެތޫ މިލާ ވިދާޅުވީ ވަނުން މަނާ ސަރަހައްދެއް ހެދުން އެންމެ ރަނގަޅު ވާނީ ޔަހޫދީން ޖަހައިގެންފައި އޮތް ސަރަހައްދުގައި ކަމަށެވެ. ޔަހޫދީންގެ ބާރު މިހާރު ވެސް އޮތް ސަރަހައްދެއްގައި ބަފާ ޒޯނެއް ހެދުމަކުން އެމެރިކާ އެކައްޗެއް ވެސް ނުބުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައްޒާ ހަނގުރާމަ ފެށުނުއިރު ޣައްޒާ އޮތް ސައިޒަށް ހަނގުރާމަ ނިމޭއިރު ވެސް އޮންނަން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ނޫން ގޮތެއްގައި އެއީ އެމެރިކާގެ ސިޔާސަތާ ހިލާފު އަމަލަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.