ދުނިޔެ

ޗައިނާގެ ފުއްޕާހަމެއް ޓައިވާންގެ ވައިގެ ތެރޭގައި

ޗައިނާގެ ފުއްޕާހަމެއްގެ މައްސަލަ އަނެއްކާވެސް ސުރުހީތަކަށް އަރައިފި އެވެ.

މި ފަހަރު ޓައިވާނަށް ޖާސޫސްކުރުމަށް ކަމަށް ތުހުމަތުކުރެވޭ ފުއްޕާހަމެއް ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދުން ފެނިފަ އެވެ.

ޓައިވާންގެ ދިފާއީ ވުޒާރާ އިން ބުނާ ގޮތުން ޗައިނާގެ ފުއްޕާހަން ފެނުނީ ޓައިވާންއާއި ޗައިނާއާގެ އިން ވަކިކުރާ ސަރަހައްދުންނެވެ. ޓައިވާންގެ އިމުގެ ތެރެއަށް ފުއްޕާން ވަދެފައިވާ ކަމަކަށް ޓައިވާން ނުބުނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޗައިނާގެ ފުއްޕާހަން ޓައިވާންގެ އިމުގެ ތެރެއަށް ވަނީ ވަދެފަ އެވެ. އެކަމަކު ޓައިވާނަށް ރޭކާލުމުގެ ކުރިން ފުއްޕާހަން ވަނީ ޗައިނާގެ އުތުރަށް ދަތުރުކޮށް ގޮސް އޮބާލާފަ އެވެ.

ޗައިނާގެ އަސްކަރީ އުޅަނދުތައް ޓައިވާންގެ ސަރަހައްދުން ވަރަށް ގިނައިން ފެންނަ ކަމަށް ވެސް ޓައިވާން ބުނެ އެވެ. ކަނޑާއި ވައިގެ ތެރޭގައި ޗައިނާގެ ހަރަކާތްތައް ވަރަށް ގިނަ ކަމަށް ޓައިވާންގެ ދިފާއީ ވުޒާރާއިން ބުންޏެވެ.

ޓައިވާންގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ޗައިނާއިން އިންތިހާބުގެ ތެރެއަށް ވަދެގަތުމުގެ ބިރު އޮތް ކަމަށްވެސް އިންތިހާބާ ގުޅޭ އޮފިޝަލުން ބުނެ އެވެ. އަނެއްކޮޅުން އަސްކަރީ ގޮތުން ޖެއްސުން ކުރުމަކީ ވެސް ޗައިނާ ބޭނުންވާ ގޮތަށް އިންތިހާބު ބަދަލުކޮށްލުމަށް ދައްކާ ބިރެއް ކަމަށްވެސް އޮފިޝަލުން ބުންޏެވެ.

ޗައިނާގެ ފުއްޕާހަންތަކުގެ މައްސަލަތަކަކީ ނޫސްތަކުގައި އަބަދުވެސް ފަލަ ސުރުހީން ފަވާ މައްސަލަތަކެކެވެ.

އެމެރިކާގެ ވައިގެ ތެރެއިން ދަތުރުކުރި ޗައިނާގެ ފުއްޕާހަމެއްގެ މައްސަލާގައި -- އެމެރިކާއާއި ޗައިނާގެ ގުޅުން ފާއިތުވި އަހަރު އަރާރުމަކަށް ބަދަލުވި އެވެ.

އެމެރިކާ ބުނި ގޮތުން ޗައިނާގެ ފުއްޕާހަމަކީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން ޖާސޫސްކުރުމަށް ފޮނުވި ފުއްޕާހަމެކެވެ. ޖަވާބުގައި ޗައިނާ ބުނީ އެއީ މޫސުމާ ބެހޭ މަަދަނީ ބޭނުމަކު ފޮނުވި ފުއްޕާހަމެއް ކަމަށެވެ. ވައި ހުރި ގޮތުން އެެމެރިކާއާ ދިމާއަށް ދިޔައީ ކަމަށެވެ.

ޗައިނާގެ ފުއްޕާހަމާ މެދު ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި ހޫނު ބަސްތަކަށްފަހު އެމެރިކާގެ ފައިޓަރު ޖެޓުތަކުން ވަނީ މިސައިލެއް ފޮނުވައި ޗައިނާގެ ފުއްޕާހަން ވައްޓާލާފަ އެވެ.

މި މައްސަލައާ ގުޅިގެން އެ ދުވަސްވަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ޗައިނާއަށް ކުރައްވަން އޮތް ދަތުރު ވެސް ޗައިނާއިން ކެންސަލްކުރި އެވެ. އަދި އޭނާގެ ދަތުރަށް ރުހުން ނުދީ ދުވަސްތަކަކަށް ދެމެހެއްޓި އެވެ.