ދުނިޔެ

ބަދަލުކުރި ހަމަލާތަކުގައި ޔަހޫދީ އަސީރަކު މަރުވެއްޖެ: ހަމާސް

ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުން އަސީރުކޮށްފައި ތިބި ޔަހޫދީ ސިފައިންގެ މީހަކު -- ޔަހޫދީ ސިފައިން ދިން ހަމަލާއެއްގައި މަރުވެފައިވާ ކަމަށް ހަމާސް އިން ބުނެފި އެވެ.

ހަމާސްއިން ބުނި ގޮތުން ފާއިތުވި 48 ގަޑިއިރު ތެރޭގައި ޔަހޫދިންނާ އެކު ގިނަ ހަމަލާތަކެއް ބަދަލުކުރެވުނެވެ.

ޔަހޫދީ އަސީރުން ހޯދަން ޣައްޒާއަށް ވަދެ ތިބި ޒަޔަނިސްޓު ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށްވެސް ހަމާސް އިން ބުންޏެވެ.

އެ ޖަމާއަތުން ބުނީ ޔަހޫދީ ސިފައިން ދިން ހަމަލާތަކުގައި ހަމާސްގެ ޝައުގުވެރިކަން ހުރި ތަންތަނަށް ބޮޑެތި ގެއްލުން ލިބުނު ކަމަށެވެ. ނަމަވެސް ޔަހޫދީން އުއްމީދުކުރި ވަރަށް އެ މީހުންނަށް ކުރިނޭރުނު ކަމަށް ބުންޏެެވެ.

ހަމާސްގެ އަތްދަށުގައި ޔަހޫދީ އަސީރުން އަދިވެސް ތިބި ކަމަށް އެ ޖަމާއަތުން ބުންޏެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ދެވޭނީ ޒަޔަނިސްޓުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުން ކަމަށްވެސް ބުންޏެވެ.

ޒަޔަނިސްޓު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރިން ވިދާޅުވި ގޮތުން އަސީރުން ސަލާމަތްކުރުމަށް ވުރެ ހަމާސް ނައްތާލުން މުހިއްމެވެ.

ޔަހޫދީ ސިފައިން ޣައްޒާއަށް އަރާނީ ހަމާސްގެ ހަނގުރާމަވެރިން ތިބި ތަނަކުން ނެރެން ބޭނުންވާ ހުރިހާ ތައްޔާރެއް ވެގެން ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމަލާތައް މިހާރު ދަނީ ޒަޔަނިސްޓުން ރޭވި ގޮތަކަށް ނޫނެވެ.

ޣައްޒާއަށް ޔަހޫދީ ސިފައިން ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކަށް ދެ މަސް ދުވަސް ވެފައިވާއިރު ޔަހޫދީންނަށް ކުރެވުނު ކަމަކީ ޣައްޒާގެ އުމްރާނީ ތަރައްގީ ސުންނާފަތިކޮށް 20،000 ނިކަމެތިން މަރާލުމެވެ.

އަސީރުން ބަދަލުކުރުމާއި އަސީރުން ސަލާމަތްކުރުން އަދި ހަމާސް ނައްތާލުމަށް ޒަޔަނިސްޓުން ގަތް ނިޔަތް އަދިވެސް އޮތީ އޮތް ތަނުގަ އެވެ.

ޒަޔަނިސްޓުން ބާރުގަދަކަމާއި އަސީރުން ސަލާމަތްކުރުމަށް ޔަހޫދީ އާއިލާތަކުން ޒަޔަނިސްޓް ނަތަންޔާހޫގެ ސަރުކާރަށް ކުރަމުން ގެންދާ ޕްރެޝަރާ ހެދި ސިފައިންގެ ތެރޭގައިވެސް އޮތީ ޕްރެޝަރު ބޮޑުވެފަ އެވެ.

އަސީރުން ސަލާމަތްކުރުމަަށް އަވަސްއަރުވާލައިގެން އުޅެން ހަދައިގެން އަމިއްލަ ޓީމަށް މިސައިލުން ހަމަލާދެވޭ އިރުވެސް އެ މީހުންނަށް ނޭނގޭ ދަރަޖައަށް ހާލަތު މިހާރު ވަނީ ބަދަލުވެފަ އެވެ.