ޣައްޒާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އަރަބި ދައުލަތްތަކުން އެ ހަނގުރާމައަށް ތަދައްުޚުލުވުމަކީ -- ހަނގުރާމައިގެ ތެރެއަށް ވަނުމަކީ -- ޒަޔަނިސްޓުންގެ އަސްކަރީ އޮޕަރޭޝަން ހުއްޓާލާނެ ވަރުގެ ކަމެއް ކަމަށް އަރަބި ގައުމުތަކުން ނުދެކޭ ކަމަށް ސައުދީ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން ވިދާޅުވެއްޖެ އެވެ.
ފައިސަލް ބިން ފަރްހާން ވިދާވި ގޮތުގައި ހަނގުރާމައިގެ ތެރެއަށް ވަދެގަތުމުން ހަނގުރާމަ ފުޅާވުން ނޫން ކަމެއް ނުވާނެ އެވެ. ރުޅިވެރިކަމާއި ނަފުރަތުގެ ބަދަލުގައި ހަމަ އެ މިޒާޖުން ޖަވާބުދާރީވުމަކީ ކަމުދާ ކަމެއް ކަމަށް ދުނިޔެ ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ހަނގުރާމައިގެ ތެރެއަށް ވަދެގަތުމަކީ ބިރުބޮޑު ކަމެއް ކަމަށާއި ދުނިޔޭގެ ވަރުގަދަ ބާރުތަކާ ގުޅިފައި އޮތް ކަމެއްގެ ތެރެއަށް ވަދެގަތުމުން އަރަބި ދުނިޔޭގެ ބާރު މިހާރަށް ވުރެވެސް ބޮޑަށް ބަލިކަށިވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.
ފަރްހާން ވިދާޅުވީ ޣައްޒާ ހަނގުރާމައަށް -- ފަލަސްތީންގެ މައްސަލައަށް އޮތް ދެމެހެއްޓިނިވި ހައްލަކީ މަޝްވަރާކުރުން ކަމަށެވެ.
މަޝްވަރާކުރުމުގައި ގައުމުތަކުން އިހްލާސްތެރިވުމަށް ވުރެ ރަނގަޅު ކަމެއް ކުރެވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަން އަދި ފަރަންސޭސިވިލާތް އޮތީ ޒަޔަނިސްޓުންގެ ހިމާޔަތު ގައެވެ.
ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މި ގައުމުތަކުން ވެސް ބައިވެރިވެ އެވެ. ދުނިޔޭގެ ލޮލަށް ނުފެނުނެއް ކަމަކު އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިވެެދެ އެވެ.
ޣައްޒާއަށް ވެދެވޭ އެހީތެރިކަމެއް ވެދެވެން އޮތީ ފޯރުކޮށްދޭ ކާއެތިކޮޅެއް ގޮތުގަ އެވެ. އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދީފިނަމަ -- އެ ގައުމަކާ ދެކޮޅަށް ބާރުގަަދަ ހުރިހާ ގައުމަކުން ނުކުމެ ކުރިމަތިލާނެ އެވެ.
މިއީ ދުނިޔޭގައި ބާރުގަދަ، ނުފޫޒުގަދަ ބަޔަކު އެ ހައިސިއްޔަތުތައް ފޭރިގެންފައި އޮތް ގޮތެވެ.
ޔުކްރޭން ހަނގުރާމާގައި ދުނިޔޭގެ ބާރުތަކުން ރަޝިއާއަށް ހަދާލާ ގޮތް މިހިރަ ފެންނަނީ އެވެ. ރަޝިއާ އަކީ އަސްކަރީ ގޮތުންނާއި މާލީ ގޮތުން ވެސް ވަރުގަދަ ގައުމެކެވެ. ނަމަވެސް ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ދަތިކޮށް -- ދުނިޔޭގެ މާލީ ނިޒާމުން ވަނީ ބޭރުކޮށްފަ އެވެ.
ރަޝިއާގެ ރައީސް އަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް -- ދުނިޔޭގެ ޖިނާއީ ކޯޓަށް އެމެރިކާއިން ބިރުދައްކައިގެން ވަނީ ހަދާފަ އެވެ.
ޣައްޒާގައި ކުށެއް ނެތް ތުއްތުކުދިންނާއި އަންހެނުން އަދި ހިރިނުލެވިފައި ތިބި މުސްކުޅިން މަރައި ހުސްކުރާއިރު -- ޒަޔަނިސްޓު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީ ހަނގުރާމައިގެ ކުށްވެރިއަކަށް ނުވެ އެވެ. އިންޓަނޭޝަލް ކްރިމިނަލް ކޯޓު އޮތީ އޮތްތަނުގައި، ގަދަ ނިދީގަ އެވެ.