މިނިސްޓްރީ އޮފް އެޑިއުކޭޝަން

އަރަބި ދަސްކުރަން ލައްކައަކަށްވުރެ ގިނަ ފޮތް ސައުދީން ހަދިޔާކޮށްފި

އަރަބި ދަސްކުރަން ބޭނުން ކުރާ ލައްކައަކަށް ވުރެއް ގިނަ ފޮތް ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ސްކޫލުތަކަށް ހަދިޔާކޮށްފި އެވެ.

ސައުދީ ސަރުކާރުން ހަދިތާ ކުރީ 111،430 ފޮތެވެ. އެގޮތުން ގްރޭޑް އެކެއް، ދޭއް އަދި ތިނެއްގެ ދަރިވަރުންނަށް 38،963 ފޮތް ހަދިޔާ ކޮށްފައިވާ އިރު ގްރޭޑް ހަތަރެއް، ފަހެއް އަދި ހަޔެއްގެ ދަރިވަރުންނަށް ހަދިޔާ ކޮށްފައިވަނީ 70،215 ފޮތެވެ. ގްރޭޑު ހަތެއް، އަށެއް ނުވައެއްގެ ދަރިވަރުންނަށް 2،480 ފޮތް ހަދިޔާކޮށްފައިވާ އިރު ގްރޭޑް 10، 11، 12 ގެ ކުދިންނަށް 2480 ފޮތް ހަދިޔާ ކުރިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ދިވެހި ދަރިވަރުންނަށް އަރަބި ދަސްކޮށްދިނުމަށް ސައުދީ ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ޓީޗަރުންނަށް އަރަބި ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމުތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި އަދި ސައުދީ ސަރުކާރުން ހަދިޔާ ކުރި ފޮތްތައް މިހާރު ވާނީ އަރަބި ކިޔަވައިދޭ 60 ސުކޫލަކަށް ބަހާފައި ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށާއި އެހެން ދާއިރާތަކަށް ސައުދީ ސަރުކާރުން ދޭ އެހީ ތަކަށް ވަރަށް ބޮޑު ފާހަގަ ކުރެވޭ ކަމަށާއި މަތީ ތައުލީމު ހާސިލް ކުރަން ސައުދީ ސަރުކާރުން ދާދި ފަހުން ދިވެހި ދަރިވަރުންނަށް ދިން ސްކޮލާ ޝިޕްތައް ވަރަށް ކާމިޔާބު ކަމަށެވެ.