މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލްތަކުގެ އިމްތިހާން ބާއްވާ ތާރީހަށް ބަދަލު ގެނެސްފި

ސްކޫލްތަކުގެ ކުރިއަށް އޮތް އިމްތިހާން ބާއްވާ ތާރީހަށް ބަދަލު ގެނެސްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މިބަދަލު ގެނައީ ކުރިން މިމަހު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހަށް ފަސްކުރުމާ ގުޅިގެން އިންތިހާބަށް ސްކޫލުތައް ބޭނުންވާތީ އެވެ.

ގުރޭޑް 7، 8 އަދި 9 ގައި ކިޔަވާ ދަރިވަރުންގެ އިމްތިހާން ބޭއްވުމަށް ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 16 އިން 27 އަށެވެ.

އިމްތިހާންގެ ތާރީހަށް ގެނައި ބަދަލާ އެކު އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިހާރު އަންގާފައިވަނީ މި މަހުގެ 27 އިން އަންނަ މަހުގެ 25ގެ ނިޔަލަށް ހަމައެކަނި ރަސްމީ ދުވަސްތަކުގައި އިމްތިހާން ކުރިއަށް ގެންދިއުމަށެވެ.

މީގެއިތުރުން އަންނަ މަހުގެ 20 ވަނަ ދުވަހު އިމްތިހާން ބާއްވަން އެއްވެސް ސްކޫލަކުން ބޭނުންވާނަމަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ސްކޫލަކަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާ މަޝްވަރާ ކުރުމަށްފަހު ނޫނީ ގޮތެއް ނިންމުމަށްވެސް އަންގާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާ ގޮތުން މިހިނގާ 2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މިއަހަރުގެ މެއި 26 ވަނަ ދުވަހު އެވެ.