ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ވައުދެއް: މާފަންނު މަދަރުސާގެ ތިރީބުރީގައި ހޯލެއް ހަދައިދޭނަން

މާފަންނު މަދަރުސާގެ ތިރީބުރީގައި ހޯލެއް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިއަދު ވަނީ މާފަންނު މަދަރުސާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިރަސްމިއްޔާތުގައި ބައިވެެރިވެވަޑައިގަތުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ގައުމުގެ އެކި ދާއިރާތަކުގައި މާފަންނު މަދަރުސާ އިން ތައުލީމު ހާސިލް ކުރި ދަރިވަރުން ގައުމަށް މުހިއްމު ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި މާފަންނު ސްކޫލު ހޯލާ ގުޅޭގޮތުން ރައީސް ވާހަކަ ދެއްކެވީ މިރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުން ހުށަހަޅައިދިން ޕްރެޒެންޓޭޝަނެއްގައި ސްކޫލްގެ ހޯލު މަތީ ފަންގިފިލައެއްގައި ހުންނާތީ އެކުދިންގެ މާމަމެންނާއި ކާފަމެންނަށް ހޯލަށް ވަނުމަށް ދަތިވެފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެވެ.

ތުއްތު ކުދިންގެ މި ކަންބޮޑުވުމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި މާފަންނު ސްކޫލުގެ ތިރީބުރީގައި ހޯލެއް ހައްދަވައިދެއްވާނެ ކަމަށެވެ.

"މި ސްކޫލްގައި ތުއްތު ކުދިންގެ މާމައިންނާއި ކާފައިންނަށް ފަސޭހައިން ވަދެވޭގޮތައް ބިންމަތީގައި ހުންނަ ހޯލެއް ހަދައިދޭނެކަމުގެ ޔަގީންކަން [ދެން]". ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތައުލީމަށް ހާއްސަ އިސްކަމެއް ދީގެން މާފަންނު މަދަރުސާގައި މަސައްކަތްތަކެއް ކުރަމުންދާތީ އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީވެސް އެހެން ކުދިންނާ އެކު ކިޔެވުމުގެ ފުރުސަތު އޮންނަންޖެހޭ ބައެއް ކަމަށް ގަބޫލުކުރައްވާތީ ސެން ޓީޗަރުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރު ފައްޓަވާނެ ކަމުގައިވެސް ވިދާޅުވި އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ ޓީޗަރުންނަށް ފުރުސަތު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިންކްލޫސިވް ގޮތެއްގައި ހަމަ އެއްވެސް ތަފާތެއް ނުގެނެސް ތައުލީމީ ފުރުސަތު ހޯދައިދިނުމުގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި ކަނޑައަޅާފައި އޮތް ގޮތަށް އެ ސިޔާސަތު ތަންފީޒު ކުރުމަކީ އަޅުގަނޑު ހަމަ އެންމެ ބޭނުންވާ ގޮތް،" ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ވަނީ މާފަންނު މަދަރުސާއަށް އެކި ގޮތްގޮތުން ހިދުމަތް ކުރެއްވި ބޭފުޅުންނަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.