ޑރ. މުހައްމަދު މުއިއްޒު

ކަމެއް ކާމިޔާބުކުރަން އެދޭނަމަ ގަދައަޅައި މަސައްކަތް ކުރޭ: ރައީސް

ކަމެއް ކާމިޔާބު ކުރަން އެދޭނަމަ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިކަމަށް އެދިވަޑައިގަތީ މިއަދު ހެނދުނު ސެންޓަ ފޯ ހަޔަ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ އަޒުމެއް ހުރުން މުހިއްމު ކަމަށާއި ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކޮށްގެން ކަމަށެވެ.

މިއެސެމްބްލީގައި ރައީސް ވަނީ މަތީ ސާނަވީ މަރުހަލާގެ ކިޔެވުމަކީ އުމުރުގައި ދެވަނަ ފުރުސަތެއް ލިބޭ ކަމެއް ނޫން ކަމަށް ފާހަގަކުރައްވާ މި ވަގުތާއި މިފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

"މަތީ ސާނަވީ ތައުލީމަކީ މުސްތަގުބަލު ބައްޓަންކުރުމަށްޓަކައި ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ފެއްޓެވީ މީގެ ތިރީހަކަށް އަހަރު ކުރިން ސީއެޗްއެސްސީގައި (އޭރުގެ އެސްއީސީ)ގައި މަތީ ސާނަވީއަށް ކިޔަވާ ވިދާޅުވުމަށް އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް އާކުރައްވަމުންނެވެ.

ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވަނީ މި ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ކިޔަވައިގެން ނުކުންނަ ކުދީންނަށް ހާއްސަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ގައުމީ ލޯބި ކޮންމެ ކުއްޖެއްގެ ކިބައިގާވެސް ހުންނަން ވާނެ ކަމަށެވެ. ކޮންމެ ކުއްޖަކަށްވެސް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ގައުމީ ހިދުމަތަށް އިސްކަންދިނުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އުމުރުގެ ކޮންމެ ހިސާބެއްގައިވެސް ކާމިޔާބު ހާސިލްކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުއްމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު، ނުގުޑާފަދަ އަޒުމެއްގައި، ދާން ބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދަރިވަރުންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފަ އެވެ.