ސީއެޗްއެސްއީ

މާލޭގެ ސީއެޗްއެސްއީ އިމާރާތް ރަސްމީކޮށް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސެންޓާ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ މާލޭ ކެމްޕަސް މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

ސީއެޗްއެސްއީ، މާލޭގައި އަލުން ހުޅުއްވައިދެއްވާފައި މިވަނީ އެ ސްކޫލުގެ އިމާރާތުގެ އާބާތުރަފިލުވުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރުމަށްފަހު މިރޭ އެތަން ހުޅުވަން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ސީއެޗްއެސްއީގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ ފަސް ދަރިވަރެއްގެ ބައިވެރިވުމާއެކު ބޭއްވި "އުގަމުގެ މުސްތަގުބަލާ މެދު ދަރިވަރުންގެ އުއްމީދު" ނަމުގައި ބޭއްވި ފޯރަމެއް ބައްލަވާލައްވާފަ ޗއެވެ.

ސީއެޗްއެސްއީއަށް 45 އަހަރު ފުރުމާ ގުޅިގެން މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު ބޭއްވި ހާއްސަ އެސެމްބްލީގައި ރައީސް މުއިއްޒު ވަނީ މަތީ ސާނަވީއަށް ކިޔެވުމުގެ އިންތިޒާމު ފުރަ މާލޭގައި މިއަހަރު ސަރުކާރުން އަލުން ހަމަޖައްސެވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.

މިރޭ ސީއެޗްއެސްއީގެ މާލެ ކެމްޕަސް ހުޅުވިގެންދިއުމާއެކު މާލޭގައި ސަރުކާރު ސްކޫލެއްގައި މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު އަލުން މިވަނީ ތަނަވަސްވެގެން ގޮސްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުސަތުތައް ސަރުކާރުން އިތުރުކުރުމަށް މަަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފަ އެވެ.

މާލޭގައި މިރޭ ސީއެޗްއެސްއީގެ ކެމްޕަސް ރަސްމީކޮށް ހުޅުވިއިރު މި ކެމްޕަސްގައި މިހާރު 424 ދަރިވަރުން ދަނީ ތައުލީމު ހާސިލްކުރަމުންނެވެ.

ސީއެޗްއެސްއީގެ މާލޭ ކެމްޕަސްގައި ކިޔަވައިދިނުން މެދުކަނޑާލީ ހުޅުމާލޭގައި ގުރޭޑް 11 އާއި 12 އަށް ކިޔަވަން އާ ސްކޫލެއް އެޅުމަށްފަހު ސީއެޗްއެސްއީގެ ނަމުގައި އެތަން ހުޅުވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ.

ސެންޓާ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން އެންމެ ފުރަތަމަ ހުޅުވާފައިވަނީ ޖުލައި 3، 1979 ގައެވެ.