ސީއެޗްއެސްއީ

މާލޭގެ ސީއެޗްއެސްއީ އިމާރާތުގައި އަލުން ކިޔަވައިދޭން ފަށައިފި

މާލޭގައި ކުރިން ހިންގި ސީއެޗްއެސްއީގެ އިމާރާތުގައި އަލުން މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

ސީއެޗްއެސްއީ އަކީ ގުރޭޑް 11 އާއި 12 އަށް ކިޔަވާ ދަރިވަރުންނަށް ހާއްސަ ސްކޫލެއްގެ ގޮތުގައި މާލޭގައި ކުރިން ހިންގި ހަމައެކަނި ސްކޫލެވެ.

މި ސްކޫލުގައި ކިޔަވައިދިނުން މެދުކަނޑާލީ ހުޅުމާލޭގައި ގުރޭޑް 11 އާއި 12 އަށް ކިޔަވަން އާ ސްކޫލެއް އެޅުމަށްފަހު ސީއެޗްއެސްއީގެ ނަމުގައި އެތަން ހުޅުވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލޭގައިި މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ސަރުކާރުގެ ސްކޫލެއް މިއަދު އަލުން ގާއިމުކޮށް ކިޔައިދިނުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސްކޫލު ވެގެންދާނީ މާލޭގައި ހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުގެނުމުގެ މާހައުލެއް ތަނަވަސްވެފައިވާ ސްކޫލަކަށް ވާނެ ކަމަށެވެ.

"މި ބަދަލާއެކު މަތީ ސާނަވީއަށް އުނގެނުމަށް، ފުރަމާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވާނެ އެވެ. އަދި ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، ދަރިވަރުންނާއި ބެލެނިވެރިންނަށް ނުހަނު ބޮޑު ފަސޭހައަކަށް ވެގެންދާނެ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގައި ކުރިން ހިންގި ސީއެޗްއެސްއީގެ އިމާރާތުގައި އަލުން މިއަދު ކިޔަވައިދޭން ފެށި ނަމަވެސް ހުޅުމާލޭގައި ހުރި ސީއެޗްއެސްއީ އިމާރާތުގައިވެސް ކިޔަވައިދޭނެ އެވެ.