އިސްލާމިކް މިނިސްޓްރީ

ސީއެޗްއެސްއީގައި ނަމާދުކުރަން ހާއްސަ ތަނެއް ހަދައިފި

ސްކޫލުތަކުގައި ނަމާދު ކުރާ ޖާގަ ހެދުމުގެ މަސައްކަތުގެ ދަށުން ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ނަމާދު ކުރަން ހާއްސަ ޖާގައެއް ހަދައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ހަރަދުކޮށްގެން ސީއެޗްއެސްއީގައި ހަދާފައިވާ ނަމާދު ކުރާ ތަނަކީ ހިތްފަސޭހަ ގޮތަކަށް އަދި އެކަށީގެންވާ ޖާގަ އާއި އެކު ހަދާފައިވާ ތަނެކެވެ.

މި ތަން ހަދާފައިވަނީ ވުޟޫ ކުރެވޭނެ އިންތިޒާމުތަކާ އެކު އެވެ.

ސީއެޗްއެސްއީން ބުނީ މި ތަނުގައި އަންހެން ފިރިހެން ވަކިން އެއް ފަހަރާ 30 ކުދިންނަށް ނަމާދު ކުރެވޭނެ ކަމަށެވެ.

ބައެއް ސްކޫލުތަކުގައި މިހާރުވެސް ނަމާދު ކުރާ ތަންތަން ވަނީ ހަދާފަ އެވެ.

ސްކޫލުތަކުގައި ނަމާދު ކުރާ ތަންތަން ހަދައި ސްކޫލު ގަޑީގައި ދަރިވަރުން ނަމާދު ކުރުވުމަކީ މިސަރުކާރުން ތަންފީޒު ކުރަން ބޭނުންވާ ގައުމިއްޔަތުގެ ތެރޭގައި ހިމެނޭ މުހިއްމު މަސައްކަތެކެވެ.