ގުރޭޑް 12 ގެ ދަރިވަރުންގެ އިސްލާމް ފޮތުގައި ކީރިތި ގުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ވެސް ފާހަގަ ކުރެވިއްޖެ އެވެ.
މި މައްސަލަ ފާހަގަ ކުރެވިފައި މިވަނީ ގުރޭޑް އެކެއްގެ ދަރިވަރުންގެ ޤުރުއާން ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ސަމާލު ކަމަށް އައިސް އެކަމާމެދު ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ. އެކެއްގެ ފޮތުގައި ނުބައިކޮށް ލިޔެފައި ވަނީ ސޫރަތުލް ނަބައުގެ 24 ވަނަ އާޔަތުގެ މެދު ތެރެއިންނެވެ. އެހިސާބުން އެ ސޫރަތުގެ ތެރެއަށް ވަދެފައި ވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން ފެށިގެން 14 ވަނަ އާޔަތެވެ.
މިމައްސަލަ ސޯޝަލް މީޑިއާގައި އާންމުންގެ ސަމާލު ކަމަށް ގެނެސް ދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ގުރޭޑް 12 ގެ ދަރިވަރުންގެ އިސްލާމް ފޮތުގައި ކީރިތި ގުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެފައިވާކަން ސަމާލު ކަމަށް ވެސް ގެނެސްފައި ވަނީ ޑރ. ޝަހީމެވެ. ޝަހީމް މިރޭ ވިދާޅުވީ ގުރޭޑް 12 ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ނުބައިކޮށް ލިޔެފައިވާ ކަމަށެވެ.
"އަވަސް ފުރުސަތެއްގައި މިކަންކަން ރަނގަޅު ކުރައްވަން ޖެހޭ،" މިނިސްޓަރު އައިޝަތު އަލީ އާއި އިސްލާމިކް މިނިސްޓްރީ ޓެގް ކުރައްވާ ޝަހީމް ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގުރޭޑް އެކެއްގެ ގުރުއާން މާއްދާގެ ދަރިވަރުންގެ ފޮތް ޕްްރިންޓް ކުރިއިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުލެވިފައިވާ ކަމަށް އެ މިނިސްޓްރީއަށް ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލު ކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެގޮތުން މައްސަލަ ޖެހިފައިވާ ސަފްހާ ބަދަލު ކުރުމަށް އަމަލު ކުރަންޖެހޭ ގޮތް ސުކޫލުތަކާ ހިއްސާކޮށް ސުކޫލުތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަވަމުން ގެންދަވާނެ އެވެ،"
އެ މިނިސްޓްރީން ބުނީ އެ ފޮތަކީ ޕްރިންޓް ކުރުމުގެ ކުރީން އެންއައިއީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުން ޗެކް ކޮށްފައިވާ ފޮތެއް ކަަމަށެވެ. އެހެން ކަމުން އެ ފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.