ރާއްޖޭގެ ޔުނިވާސިޓީތަކުން ކިޔެވުމުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދޭން ވިސްނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ފަތުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމާބެހޭ ގޮތުން ރާއްޖޭގައި ބާއްވާ ފުރަތަމަ މަހާސިންތާގެ އިފްތިތާހީ ޖަލްސާގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖެއިން ތައުލީމު ހާސިލުކޮށްފައިވާ މީހުންގެ ތެރޭގައި ދީނީ ނަސޭހަތް ދިނުމުގެ ގާބިލުކަން ހުރި މީހުން އެބަ ތިބި ކަމަށެވެ.
ދީނީ ނަސޭހަތް ދިނުމުގެ ގަވާއިދު މިހާރު އޮތް ގޮތުން ހުއްދަ ދެވެނީ ބޭރުގެ ޔުނިވާސިޓީއަކުން ކިޔަވާފައިވާ މީހުންނަށް އެކަނިކަން ޝަހީމް ފާހަގަކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގައި ވައުޒާއި އިރުޝާދާއި ފަތުވާ ދިނުން ދަރަޖަކުރުމާމެދު އިލްމުވެރިންގެ މަޝްވަރާ ބޭނުންވާ ކަމަށާއި އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާ އަބަދުވެސް އިހުތިރާމު ކުރާނެ ކަމަށެވެ.
އިސްލާމީ ފިގުހުގައި ފަތުވާގެ މަގާމަކީ ވަރަށް މަތިވެރި މަގާމެއް ކަމަށާއި ވަކި ކަމެއްގެ ޝަރުއީ ހުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ހަގީގަތް ތަސައްވުރު ކުރުމަކީ ޝަރުއީ ގަވާއިދެއް ކަމުގައި ޝަހީމް ވިދާޅުވި އެވެ.
ޑރ ޝަހީމް އިތުރަށް ވިދާޅުވީ މިޒަމާނުގައި، ކުރިމަތިވެފައިވާ ޒަމާނީ ފިގުހީ މައްސަލަތަކުގައި ހުކުމްތައް ބަޔާންކުރުމުގައި ޖަމާއީ ގޮތުން މަޝްވަރާކުރެވެންޖެހޭ ކަމަށާއި އެފަދަ ކަންކަމުގައި ފަރުދީ ގޮތުން ފަތުވާދިނުމަކީ އިސްލާމީ މުޖުތަމައު ބައިބައިވެގެން ހިގައިދާނެ ކަމެއް ކަމަށެވެ.