ހދ. ނެއްލައިދޫގައި ކުރިއަށް ގެންދާ ވަޤްފު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. ނެއްލައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ވަޤުފްގެ މަޝްރޫއުތައް އިތުރުކޮށް އޭގެ ނަފާ ކަނޑައެޅޭ ދާއިރާތަކަށް ލިބޭގޮތަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށާއި ނެއްލައިދޫ ކައުންސިލާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެރަށުގައި ވަޤުފް މަޝްރޫއުއެއް ކުރިއަށް ގެންގޮސް އޭގެ ނަފާ ދީނީ ކަންކަމަށް ލިބިގެންދާނެ ކަމަށެވެ.
ނެއްލައިދޫގައި މި މަޝްރޫއު ކުރިއަށް ގެންދަން ނިންމީ މިނިސްޓްރީއަށް ލިބުނު ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ފެނުނު އެންމެ މުނާސަބު އެއް ޕްރޮޕޯސަލްއަކީ ނެެއްލައިދޫ ކައުންސިލްގެ ޕްރޮޕޯސަލް ކަމަށްވާތީ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ނެއްލައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މި މަޝްރޫއުއަކީ ކުރިމަގަށް ކުރެވޭ ރަނގަޅު މަސައްކަތެއް ކަމަށާއި އުއްމީދަކީ މި މަޝްރޫއުގެ ނަފާ ނެއްލައިދޫއަށާއި މުޅި ރާއްޖެއަށް ވީހާވެސް އަވަހަށް ލިބިގެން ދިއުން ކަމަށެވެ.
ނެއްލައިދޫ ކައުންސިލުން ހުށައަޅާފައިވާ ވަޤުފް މަޝްރޫއުއަކީ ލަނޑާ/ކަނޑު/ފަރު މަސްވެރިކަމާގުޅޭ މަސައްކަތަށް އެރަށުން އާއްމުންނަށް ކުއްޔަށްދިނުމަށް، 10 އައުޓްލެޓް އިމާރާތްކުރުމެވެ.
މި މަޝްރޫއުގެ ދަށުން އަޅާ 10 އައުޓްލެޓް ކުއްޔަށް ދީގެން ލިބޭ ނަފާއިން ރަށުގެ މިސްކިތްތައް މަރާމާތުކުރުމާއި، ދީނީ އިޖުތިމާއީ އެކި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ނެއްލައިދޫ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
ރަށު/ސިޓީ ވަޤުފް މަޝްރޫއުއަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން އިފްތިތާހުކުރި މަޝްރޫއުއެކެވެ.