ވަގުފް މަޝްރޫއުތައް މުޅި ރާއްޖޭގައި ހިންގުމުގެ މަސައްކަތުގެ ތެރެއިން ސިޓީ ވަގުފާއި އަތޮޅު ވަގުފް އިފްތިތާހްކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަފުފް މަޝްރޫއުތައް އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފް އުމަރު އެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދު އިފްތިތާހު ކުރެވިގެންދަނީ ވަރަށް އުންމީދީ މަޝްރޫއެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް، ކީރިތި ޤުރުއާންގެ އިލްމު ފެތުރުމަށާއި މިސްކިތްތައް ބެލެހެއްޓުމަށާއި އިސްލާމީ ދައުވަތުގެ ކަންތައްތަކަށާއި އެހެންވެސް އިޖުތިމާއި ހެޔޮ ކަންތައްތަކަށް އިތުރު ފަންޑު ހޯދާ ހަރަދު ހޯދުމަށްޓަކައި މާލޭގެ އިތުރުން މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުުފްގެ މަޝްރޫއުތައް ގާއިމުކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް،" ޝަހީމް ވިދާޅުވި އެވެ.
ވަގުފް މަޝްރޫއުތަކުގެ ސަބަބުން ބޮޑު ފައިދާއެއް ލިބޭކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ "ދާރުލްއީމާން" ޕްރޮޖެކްޓުން އަހަރަކު ހަ މިލިއަނެއްހާ ރުފިޔާ ލިބޭ މިސްކިތްތަކާބެހޭ ފަންޑަށް ލިބޭ ކަމަށެވެ.
"އޭގެ ދެތިން ހަތަރު އިމާރާތް މާލެ ސިޓީގައި ގާއިމުކުރެވިއްޖެނަމަ މިސްކިތްތަކަށް ދިމާވެފަހުރި މާލީ ދަތިތައް ހައްލުވެގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ހުޅުމާލޭގައި "ދާރުއްސަލާމް" ވަގުފް ބިނާ ގާއިމްކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އެއީ ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަގުފް އިމާރާތް ކަމަށެވެ. މީގެ އިތުރުން މާލޭގައި "ދާރުލްއަރްގަމް" ނަމުގައި ވަގުފް މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އަތޮޅުތަކުގެ ކައުންސިލްތަކުން ދީނީ ކަންކަމަށް ހަރަދުކުރުމަށް ޝަރުތުކޮށް ވަގުފް މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.