އިސްލާމިކް މިނިސްޓްރީ

ޣައިރު ދީންތަކުގެ ހަރަކާތްތައް ހިންގުން މަނާކަން ހަނދާންކޮށްދީފި

ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފާޅުކޮށް އެހެން ދީން ތަކުގެ ދީނީ ހަރަކާތްތައް ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މަނާ ކަމެއްކަން އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސޮއި ކުރައްވައި ހުރިހާ ލޯކަލް ކައުންސިލްތަކަށް ފޮނުއްވާފައިވާ ސާކިއުލާއެއްގައި މިކަން ހަނދާންކޮށްދީފައި މިވަނީ ކްރިސްޓިއަން އެ މީހުންގެ ހާއްސަ ދުވަހެއްގެ ގޮތުގައި ދެކޭ ކްރިސްމަސް ދުވަސް ރާއްޖޭގެ ބައެއް ރަށްތަކާއި ބައެއް ރިސޯޓްތަކުގައި ފާހަގަކުރަމުންދާ ވަގުތެއްގައެވެ.

އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވަނީ ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި ޓޫރިސްޓުން ގެންނަ ފަރާތްތަކުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިރުޝާދު ދޭންޖެހޭ ކަމަށެވެ. އެގޮތަށް އިރުޝާދު ދިނުމަކީ ބިދޭސީންނާއި ޓޫރިސްޓުން ރާއްޖެއަށް ގެންނަ ފަރާތްތަތަކުގެ ޒިންމާއެއް ކަމަށްވެސް ބުންޏެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުން ޣައިރު ދީންތަކުގެ ޝިއާރުތައް ފާޅުކުރުމާއި ޖަމާއަތް ހަދައިގެން އާންމު ތަންތަނުގައި އެފަދަ ދީނީ ހަރަކާތެއް ހިންގުމާއި އަދި އެކަމުގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާ ކަމެކެވެ.

ސާކިއުލާގައި ވަނީ ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުންވެސް ކަމާ ގުޅޭ ގަވައިދުތަކާ އެއްގޮތަށް އުޅުމަށާއި އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭ ގޮތަށް ހެދުން އެޅުމަށް ޓޫރިސްޓުން އިރުޝާދު ދިނުމަށް އެދިފަ އެވެ.

ކްރިސްމަސް ފާހަގަކުރުމަށް ކޮންމެ އަހަރަކުވެސް ބައެއް މީހުން އާންމު ތަންތަން ޑެކަރޭޓް ކޮށް ހަދަ އެވެ. ނަމަވެސް ފުލުހުންނަށް އެ މައުލޫމާތު ލިބުމާ އެކު އެފަދަ ތަކެތި ނަގައެވެ.