އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލާ ހިލާފުވާ ކުންފުނިތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއް ގައެވެ.
ޑރ. ޝަހީމް ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގައި އަމަލުކުރުމަށް ގެޒެޓްކޮށްފައިވާ އުސޫލުތަކާއި، ކުންފުނިތަކުން އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުންތަކާ ހިލާފުވާ ފަރާތްތަކަށް ނުވަތަ އެއަށް އަމަލު ނުކުރާ ފަރާތްތަކަށް ގަވައިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިފަހަރު އުސޫލުގެ 19 ވަނަ މާއްދާއަށް އަމަލުކޮށްފައި ނުވާ ކުންފުނިތަކާމެދު ފިޔަވަޅު އަޅާނެ ކަމަށާއި މީގެތެރޭގައި ހުއްދަ ބާތިލްކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.
އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ދެ ގޮތަކަށް އަމަލުކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ޖިނާއީ މައްސަލައެއްނަމަ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުވާނެ ކަމަށާއި އަދި އެއީ މަދަނީ މައްސަލައެއް ނަމަ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް އުސޫލުގައި އޮތުމުން އެގޮތަށް އަމަލުކުރައްވާނެ ކަމުގެ އިޝާރާތެއްވެސް ދެއްވި އެވެ.
މީގެ އިތުރުން އުމްރާވެރިންގެ ހައްގުތައް ހިމާޔަތްކުރަންޖެހޭ ކަންކަން އިސްލާމިކް މިނިސްޓްރީން ކުރައްވާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.
އުމްރާއަށް މީހުން ގެންދިއުމުގައި މީގެކުރިން އެކި ފަރާތްތަކުން މަކަރާއި ހީލަތް ހަދާ މައްސަލަތައް ފެންމަތިވެފައިވެ އެވެ. އެގޮތުން އިތުރަށް ފައިސާ ނެގުމުގެ މައްސަލަތައް ވަރަށް ބޮޑުކަން ފާހަގަކުރެވެ އެވެ.