ކޮންމެ އަތޮޅެއްގައި ވަގުޕް ޕްރޮޕަޓީއެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މިއަދު މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓްރީން މިހާރު ކުރިއަށްދާ އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އަތޮޅު ތެރޭގައި ވަގުފް ޕްރޮޕަޓީތައް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ނެތް ކަމަށެވެ. އެހެންވެ އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭންކުތަކާ އެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކޮންމެ އަތޮޅަކު ވަގުފް ޕްރޮޕަޓީއެއް ހުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވަނީ ހުޅުމާލޭގައި ހަދަން ނިންމާފައިވާ ރާއްޖޭގެ އެންމެ ބޮޑު ވަގުފް އިންވެސްޓްމަންޓްގެ މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ 200 މިލިއަން ރުފިޔާގެ މިމަސައްކަތް ކުރިއަށް އޮތް މަހު ފެށުމަށްފަހު ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގައި ވަގުފް މަސައްކަތް ފެށުނު ގޮތް
ވަގުފް ފަންޑެއް ގާއިމުކޮށް އެ ފަންޑަށް ލިބޭ ފައިސާ އިތުރުކުރުމުގެ މަސައްކަތް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ވަގުފް ފަންޑު ފުޅާ ކުރަން ކުރިން ވަނީ މާފަންނު މަދަރުސާ އާއި ކުރީގެ ރާވެރިޔާ ރެސްޓޯރެންޓާ ދެމެދުގައި އޮތް ބިމުގައި 10 ބުރީގެ އިމާރާތެއް އަޅާފަ އެވެ. ދާރުލްއީމާންގެ ނަން ދީފައިވާ މި ބިލްޑިން ވަގުފް ކޮށްފައިވަނީ ރާއްޖޭގެ މިސްކިތްތައް އިތުރަށް ތަރައްގީކޮށް، މިސްކިތްތަކުގެ ދައުރު ފުޅާކޮށް މިސްކިތްތަކަށް ކުރަންޖެހޭ ހަރަދުތައް ކުރަން ބޭނުންވާ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ހޯދާށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ދާރުލްއީމާން ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ވަގުފު ފަންޑަށް 5.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. ދާރުލްއީމާން އިމާރާތަކީ ވަގްފު ފަންޑުން ހެދި ފުރަތަމަ އިމާރާތެވެ.
ރާއްޖޭގެ ފަސް އަތޮޅެއްގައި މިފަދަ އިމާރާތްތަކެއް އަޅަން ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީ އާއި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ދެމެދު މާޗް 26، 2014 ގައި އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައި ވެއެވެ. ނަމަވެސް ދާރުލްއީމާނަށް ފަހު މިހާތަނަށް ވަގުފް އިމާރާތެއް އަޅާފައެއް ނުވެ އެވެ.
ދާރުލް އީމާން އިމާރާތް އަޅާފައިވަނީ އިސްލާމީ ގައުމުތަކުން ލިބުނު އެހީ އާއި ރާއްޖޭގެ ވިޔަފާރިވެރިންނާއި ފީސަބީލިﷲ ފަންޑުގެ އެހީތެރިކަމާއެކު އެވެ. އަދި ކުވެއިތު ސަރުކާރުން ހަތަރު ލައްކަ ޑޮލަރާއި އަލްޖީރިއާގެ ވިޔަފާރިވެރިއެެއް ކަމުގައިވާ ޖިލިބީ މަހުރީ ވެސް ދެ ލައްކަ ޑޮލަރު ދިނެވެ.