ހުޅުމާލޭގެ ހުންނަ ހުރަވީ ސްކޫލުގައި ކާން އިންދާ މިއަދު ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.
ސޯޝަލްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އުމުރުން 13 އަހަރުގެ ފަތިމަތު ޝިމާ މުހައްމަދު ކުއްލި ގޮތަކަށް ނިޔާވި ހަބަރު އެއްސެވި ނުހަނު ފުން އަސަރާއި ކަންބޮޑުވުމާ އެކު ކަމަށެވެ.
އެހެންވެ ދަރިވަރުގެ ބެލެނިވެރީންނާއި އާއިލާއާއި، ރަހްމަތްތެރީންނާއި، އެކުގައި ކިޔަވާ ކުދީންނަށް އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދޭ ކަމަށްވެސް ވިދާޅުވި އެވެ.
"މާތްﷲގެ ތަނަވަސް ރަހްމަތާއި ނިއުމަތުގައި އެ މައުސޫމް ދަރިވަރު ލެހެއްޓެވުން އެދި ކުރާ އިހްލާސްތެރި ދުއާތައް ތަކުރާރުކުރަމެވެ. އާމީން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އެ ކުއްޖާއަށް ފަރުވާ ދިނުމަށް އެތަނަށް ގެނައި އިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ.
އަ ކުއްޖާ ނިޔާވާން ދިމާވި ވަކި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.
މިކަމާ ގުޅިގެން ހުރަވީ ސްކޫލުގެ އެއްވެސް ބަހެއް އަދި އަވަސް އަށް ލިބޭ ގޮތެއް ނުވެ އެެވެ.
ފުލުހުން ބުނީ މިކަމާ ގުޅޭ މައުލޫމާތު ލިބިފައިވާތީ މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.