އަރަބިއްޔާ ސްކޫލް

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ކުރެހުމަށް ބަދަލުތަކެއް

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ ކުރެހުމަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފި އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ކުރިން ހަމަޖެހިފައި އޮތީ ބާޖަމާލުއްްދީން ސްކޫލު ހިންގި ބިމުގައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލޭގެ ކުރީގެ ކުނި ކޮށި ހިންގި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި މިއިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ބާއްވާފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ޑިޒައިނަށް ބަދަލުތަކެއް ގެނައި ނަމަވެސް މުޅި އިމާރާތަށް ބަދަލު އަންނަ ވަރުގެ ބޮޑެތި ބަދަލުތަކެއް ނުގެންނާނެ ކަމަށެވެ. އިމާރާތުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަން ޖެހުނީ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ސާވޭ ކުރިއިރު ބިމުގައި ލޭންޑް ފިލްކުރަން ނުވަތަ ޝީޓްޕައިލް ކުރަން ޖެހޭތީ ކަމަށްވެސް ވިދާޅުވި އެވެ.

"ޑިޒައިނަށް ބަދަލެކޭ މި ދަންނަވަނީ ސުކޫލެއްގައި ހުންނަންޖެހޭ ކޮމްޕޯނެންޓެއް މަދެއްނުވާނެ. ކޮންސެޕްޓަކަށްވެސް މާބޮޑު ބަދަލެއް ނާންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން މި އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތްތަކަކާ އެކު 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން އަންޑަ ގުރައުންޑް ޕާކިން ވެސް ހިމަނައިގެންނެވެ. ނިމިދިޔަ ސަރުކާރުގައި އަރަބިއްޔާގެ އާ އިމާރާތް ހަ ބުރިއަށް އެޅުމަށް ނިންމާފައިވީ ނަމަވެސް މިސަރުކާރުން ނިންމާފައިވަނީ އެ އިމާރާތް 10 ބުރިއަށް ހަދައި 2026 ވަނަ އަހަރު ބޭނުންކުރުމަށެވެ.