އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވާ ހުރިހާ މާއްދާތަކެއް އަރަބި ބަހުން ކިޔަވައިދޭން ފެށުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ދައުލަތުގެ މީޑިއާގައި ވިދާޅުވީ އަރަބިއްޔާގައި މިހާރު ކިޔަވައިދޭ ނިޒާމު ބަދަލުކުރުމުގެ ގޮތުން ދަރިވަރުން ކިޔަވާ ހުރިހާ މާއްދާތަކެއް އަރަބި ބަހުން ކިޔަވައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާރު ދިވެހި ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިޕްރޮގްރާމް ކުރިއަށްދާނީ ރާއްޖެއާއި ގުޅިފައިވާ ބޭރުގެ ގައުމުތަކުގެ އެހީގައި ކަމަށް ވިދާޅުވި އެވެ.
"އެނގިލައްވާނެ އަޅުގަނޑުމެން މިހާރު ވަރަށް ގިނަ ސްކޫލްތަކުގައި އިނގިރޭސި ބަހުން ދިވެހި ޓީޗަރުން ކިޔަވައިދޭ. ހަމަ އެގޮތަށް އަރަބި ބަހުން ސައިންސް މާއްދާތަކުގެ އިތުރަށް ބިޒްނަސް މާއްދާތައް، އަރަބި ބަހުން ކިޔަވައިދޭނެ ދިވެހިން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް ބޭރު ގައުމުތަކުގެ އެހީގައި އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ އުއްމީދު ކުރަނީ ތިން އަހަރު ނުވަތަ ހަތަރު އަހަރުގެ ތެރޭގައި އަރަބި ބަހުން މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ތަމްރީން ކުރެވި އެކަން ފެށިގެން ދާނެ ކަމަށެވެ.
"އޭރުން ވަރަށް ބޮޑު ފުރިހަމަ ކަމެއް އަރަބިއްޔާ ހިންގުމުގައިވެސް އަދި ރާއްޖޭގައި އަރަބި ތައުލީމު ފުޅާކުރުމަށްވެސް ފުރުސަތުތަކެއް ފަހިވެގެން ދާނެ،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ވަކި ސްކޫލެއްގެ ގޮތުގައި ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވަނީ އެ ސްކޫލަށް ރައީސް ދެއްވާ ހާއްސަ އިސްކަމެއް ސަބަބުން ކަމަށެވެ. އަރަބިއްޔާ އަށް ހާއްސަ ކަމެއް އޮތީ އެއީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު ކަމަށްވާތީ ކަމަށްވެސް ވިދާޅުވި އެވެ.
"އެހެންވެ އެތަނަށް ދިމާވެފައިވާ ގޮންޖެހުންތައް ބޮޑުކަމުން އެތަނަށް ހާއްސަ އަހައްމިޔަތެއް ރައީސް ދެއްވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ނިމިދިޔަ ސަރުކާރުން ނިންމީ ބާޖަމާލުއްދީން ސްކޫލު ކުރިން ހިންގި ބިމުގައެވެ. އެތަނުގައި އަރަބިއްޔާ ސްކޫލު އެޅުމަށް ނޮވެމްބަރު 18، 2022 ގައި އަމީން ކޮންސްޓްރަކްޝަނާ މަސައްކަތްވެސް ހަވާލުކުރި އެވެ. ނަމަވެސް ބިން ސާފުކުރުން ފިޔަވާ އެތަނުގައި އަދި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަރަބިއްޔާ ސްކޫލު އެޅުމަށް މިހާރު ނިންމާފައިވަނީ މާލޭގެ ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް އޮންނަ މާލޭގެ ކުރީގެ ކުނިގޮނޑު ހިންގި ބިމުގަ އެވެ.