ދުނިޔެ

ޔަހޫދީންގެ ކޮންމެ ބޯޓަކަށް ވެސް ހަމަލާދޭނަން: ހޫސީން

ރަތް ކަނޑަކީ ޔަހޫދީން ނޫން ކޮންމެ ބަޔަކަށް ވެސް ރައްކާތެރި ކަނޑެއް ކަމަށް ޔަމަނުގައި ވަކި ސަރުކާރެއް ގާއިމުކުރަން މަސައްކަތްކުރާ ހޫސީ ޖަމާއަތުން ބުނެފި އެވެ.

ހޫސީން ބުނީ ރަތް ކަނޑާއި އަރަބި ކަނޑު ހުރަސްކޮށް ދަތުރުކުރާ -- ޔަހޫދީ ޒަޔަނިސްޓުންނާ ގުޅުން ހުރި ހުރިހާ އުޅަނދަކަށް ހަމަލާ ދޭނެ ކަމަށެވެ.

އެއީ ވިޔަފާރި އާގުބޯޓެއް ނުވަތަ އަސްކަރީ އުޅަނދެއް ނަމަވެސް، ޔަހޫދީންނާ ގުޅުމެއް އޮތް ނަމަ އެ އުޅަނދަކަށް ސަލާމަތެއް ނޯންނާނެ ކަމަށް ހޫސީން ބުނެ އެވެ.

ނަމަވެސް، އެ ނޫން ގައުމުތަކުގެ އުޅަނދުތަކަށް ހޫސީން މަދަދުވެރިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ވިޔަފާރި ޗޭނަށް ހޫސީންގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ވެސް އެ ޖަމާއަތުން ދެ އެވެ.

އެހެނެއް ކަމަކު، ރަތް ކަނޑާއި އަރަބި ކަނޑު ހުރަސްކޮށް ވިޔަފާރި ކުރުމަކީ ޔަހޫދީންނަށް ދެން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ޒަޔަނިސްޓް ޔަހޫދީންނަށް މުދާ އުފުލައިދޭ އުޅަނދުތަކަށް ބިރުދައްކާނެ ކަމަށް ވެސް އެ ހޫސީން ބުންޏެވެ.

ހޫސީންގެ ޝަރުތަކީ ޣައްޒާއަށް ކާނާ އާއި ބޭސްފަރުވާ ފޯރުކޮށްދިނުމެވެ. ޣައްޒާ ބަނޑަށް ޖައްސާފައި ޔަހޫދީންނަށް އުފަލުގައި އުޅެން ދަތިވާނެ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

ހޫސީން ވަނީ މިދާކަށް ދުވަހު ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރި ގެލަކްސީ ލީޑަރު ނަމަކަށް ކިޔާ އުޅަނދެއް ހިފަހައްޓާފަ އެވެ. އެއީ އެ ޖަމާއަތުން ބުނާ ގޮތުން ޔަހޫދީންނާ ގުޅުން އޮތް އުޅަނދެކެވެ.

ނަމަވެސް، ޒަޔަނިސްޓުން ބުނާ ގޮތުން އެ އުޅަނދަކީ އެ މީހުންނާ އެއްވެސް ގުޅުމެއް އޮންނަ އުޅަނދެއް ނޫނެވެ.

ހޫސީންގެ ބުނުމަކީ ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އުޅަނދަކުން ޒަޔަނިސްޓުންނަށް މުދާ އުފުލައިދޭ ނަމަވެސް، އެ އުޅަނދަކަށް ރަތް ކަނޑު އަމާން ނުވާނެ ކަމަށެވެ.

ރޮކެޓާއި ޑްރޯން އަދި ކަނޑުމަތިން ވެސް އެ އުޅަނދަކާ ދިމާކޮށް ތަކެތި ފޭރޭނެ ކަމަށް ވެސް ހޫސީން ބުނެ އެވެ.