ދުނިޔެ

ޔަހޫދީންނަށް ޣައްޒާ ހަނގުރާމަ ކާމިޔާބެއް ނުވާނެ: އުރުދުން

ޒަޔަނިސްޓު ޔަހޫދީންނަށް ޣައްޒާ ހަނގުރާމަ ކާމިޔާބު ނުކުރެވޭނެ ކަމަށް އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެ އެވެ.

އައިމަން ސަފާދީ ވިދާޅުވި ގޮތުގައި މިއީ ޒަޔަނިސްޓުންނަށް ގެއްލުން ބޮޑު ފަހަރެއް ކަމަށާއި ޔަހޫދީންގެ އަސްކަރިއްޔާ ބޮޑު ފޭލިވުމަކުން ފޭލިވެފައިވާ ކަމަށެެވެ.

ގަތަރުގެ ވެރިރަަށް ދޯހާގައި -- ދޯހާ ފޯރަމްގައި ވާހަކަދައްކަވަމުން ސަފާދީ ވިދާޅުވީ ޒަޔަނިސްޓުންގެ އަމާޒަކީ ހަމާސް ބަލިކުރުން ނޫން ކަމަށާއި ޔަހޫދީންގެ ހުރިހާވެސް ވިސްނުމަކީ ފަލަސްތީންގެ ބިންތައް ފޭރިގަތުން ކަމަށެވެ.

ޒަޔަނިސްޓުންނަށް ފަލަސްތީން ބިންތައް ފޭރިގަނެވެން އޮތީ، އައިމަން ސަފާދީ ވިދާޅުވި ގޮތުގައި ޣައްޒާއިން މީހުން ހުސްކޮށްގެންނެވެ.

ފާއިތުވި ދެމަހެއްހާ ދުވަހު ޒަޔަނިސްޓުން ދިން ހަމަލާތަކަށް ބަލާއިރު ޔަހޫދީންގެ އެޖެންޑާ ސާފު ކަމަށް ވަޒީރު ވިދާޅުވި އެވެ.

އާންމުން މަރައި ހުސްކުރުމަށްފަހު -- ވަނުން މަނާ ސަރަހައްދެއް ޣައްޒާގައި ހެދުމުގެ ބޭނުމަކީ ވެސް ފަލަސްތީންގެ ބިންތައް ފޭރިގަތުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ޒަޔަނިސްޓް ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ކެބިނެޓްގައި ހިމެނޭ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ވެންގަވިރާއި މާލީ ވަޒީރު ބެންޒާލެޒް ސްމޮޓްރިޗްގެ ބަސްމަގު ހުރި ގޮތުންވެސް ޒަޔަނިސްޓުންގެ ވިސްނުން އެނގިވަޑައިގަންނަވާ ކަމަށް އައިމަން ސަފާދީ ވިދާޅުވި އެވެ.

އދ ގެ ސަލާމަތީ މަޖިލީހުގައި މިދިޔަ ހުކުރު ދުވަހު، ޣައްޒާ ހަނގުރާމަ ހުއްޓާލަން ގޮވާލައި ހުށަހެޅި ގަރާރު އެމެެރިކާ އިން ވީޓޯކުރުމާ ބެހޭ ގޮތުން އައިމަން ސަފާދީ ވިދާޅުވީ -- ގަރާރާ ދެކޮޅަށް ވޯޓުދިނީ ހަމައެކަނި އެމެރިކާއިން ކަމަށެވެ.

އިނގިރޭސިވިލާތަކީ އެމެރިކާއާ ވަރަށް ގާތް ގައުމެއް ކަމަށް ސަފީރު ވިދާޅުވި އެވެ. ޣައްޒާ ގަރާރާ އެއްކޮޅަށް އަދި ދެކޮޅަށް ވެސް އިނގިރޭސިން ވޯޓު ނުދިނީ އެހެންވެ ކަމަށް ސަފީރު ވިދާޅުވި އެވެ.

އެމެރިކާއިން ޣައްޒާ ގަރާރު ވީޓޯކުރިއިރު އެމެރިކާ އަކީ ޒަޔަނިސްޓުންނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމެވެ. އެމެރިކާ އިން ފޯރުކޮށްދޭ ހަތިޔާރުން ޔަހޫދީން ކުރާ ކަމަކީ ޣައްޒާއަށް ހަމަލާދީ ފަލަސްތީންގެ ނިކަމެތިން މެރުމެވެ.

ޣައްޒާ ހަނގުރާމަ އަކީ އެމެރިކާއާއި އިނގިރޭސިން ގުޅިންގެން ޒަޔަނިސްޓުން ލައްވައި އެ މީހުންގެ އަމިއްލަ އެޖެންޑާއެއް ފުރިހަމަކުރަން ކުރާ ހަނގުރާމަ އެކެވެ.