އަހުމަދު ނިހާން ހުސައިން މަނިކު

ޖޭޕީގެ ނައިބް ލީޑަރަކަށް ނިހާން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބް ލީޑަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ހޮވައިފި އެވެ.

ޖޭޕީގައި އޭނާ އެންމެ ފަހުން ހުންނެވީ ގާސިމް އިބްރާހީމްގެ އެޑްވައިޒަރެއްގެ ގޮތުގައެވެ.

ޖޭޕީގެ ކައުންސިލް މެންބަރުންގެ މެދުގައި ވޯޓެއް ނަގައިގެން ނައިބް ލީޑަރު ކަމަށް ނިހާން އިންތިހާބު ކުރި ނަމަވެސް ވޯޓުގެ ތަފްސީލް އެނގިފައެއް ނުވެ އެވެ.

ޖޭޕީގެ ނައިބް ލީޑަރުގެ މަގާމަށް ނިހާނާ އެކު ހަތަރު ބޭފުޅަކު ކުރިމަތިލެއްވި އެވެ.

ޖޭޕީ އަކީ ފަސް ނައިބް ލީޑަރުން ތިއްބަވާ ޕާޓީ އެކެވެ. ޖޭޕީގެ އެއް ނައިބް ލީޑަރުގެ މަގާމު ހުސްވީ ނައިބް ލީޑަރެއްގެ ގޮތުގައި ހުންނެވި އިގްބާލް އާދަމް ޖޭޕީން އިސްތިއުފާ ދެއްވުމަށްފަހު ރައީސް އޮފީހުގެ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.

ޖޭޕީގެ ނައިބް ލީޑަރުންގެ ގޮތުގައި ނިހާންގެ އިތުރުން ތިއްބެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި، މިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު ޑރ. އަމީން އިބްރާހިމްއާއި، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހުގެ އިތުރުން ޖޭޕީގެ ކުރީގެ ނައިބް ރައީސް އަހްމަދު ސައުދު އެވެ.