ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި އައިސީޓީ ކޮމިޓީއެއް އުފައްދަނީ

އިންފޮމޭޝަން އެންޑު ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ކޮމެޓީއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފި އެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި އައިސީޓީ ކޮމިޓީ އުފައްދަން ފާސްކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އޮތް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އައިސީޓީ ކޮމެޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ދާއިރާއާ ގުޅޭ އެންމެހައި ކަންކަން ބަލައި ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ. މީގެއިތުރުން ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާ ގުޅުން ހުރި މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުން ހިމެނެ އެވެ. އަދި ގައުމީ ފެންވަރުގައި އެކުލަވާލައި ހިންގާ ޕަބްލިކް ޑިޖިޓަލް ސާވިސްތައް ހިންގާ އިދާރާތައް ނުވަތަ ހިންގުމަށް އުފައްދާ އެންމެހައި އިދާރާތަކާއި އެފަދަ އެންމެހައި ކުންފުނިތަކާއި މި ނޫންވެސް އައިސީޓީ މަސައްކަތް ރާވައި ހިންގާ ނުވަތަ ހިންގަންޖެހޭ ކޮންމެ ސަރުކާރުގެ އިދާރާއަކާއި ކުންފުންޏަކާ ގުޅޭ ކަންކަން ކުރުންވސް ހިމެނެ އެވެ.

އައިސީޓީއާ ގުޅޭ މައްސަލަތައް މަޖިލީހުގައި މިހާރު ބަލަމުންދަނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީންނެވެ.

ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ އައިސީޓީއަށް ހާއްސަ ކޮމެޓީއެއް އުފެއްދުމަކީ މި ދާއިރާގެ ކަންކަން ރަނގަޅަށް ޒިންމާދާރުކަމާއެކު ކުރިއަށް ގެންދިއުމަށް ކޮންމެހެން މުހިއްމު ކަމެއް ކަމަށެވެ.

އައިސީޓީ ކޮމިޓީ އުފެއްދޭނީ އާންމު ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކޮށް މަޖިލިސް ގަވައިދުވެސް އިސްލާހުކޮށްގެންނެވެ.

މަޖިލީހުގައި ދާއިމީ ކޮމިޓީގެ ގޮތުގައި މިހާރު އޮތީ 17 ކޮމިޓީ އެވެ.