ދުނިޔެ

ރަހީނުންގެ މަރާ ހެދި ނަޔަންޔާހޫއަށް ޕްރެޝަރު ބޮޑުވަނީ

ޒަޔަނިސްޓު ޔަހޫދީ އަބާދީތަކަށް އޮކްޓޯބަރު ހަތެއްގައި ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާތަކުގައި، ހަމާސްއިން ހައްޔަރުކުރި ޔަހޫދީ އަސީރުންގެ ތެރެއިން ތިން އަސީރަކަށް -- ޒަޔަނިސްޓް ސިފައިން ހަމަލާދީ ވަނީ މަރާލާފަ އެވެ.

މި ހަމަލާތަކާ ގުޅިގެން، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން މަގުތަކަށް ނުކުމެ އިތުބާރު ނެތް ކަމަށް އަންނަނީ ގޮވަމުންނެވެ.

ޒަޔަނިސްޓް ސިފައިން އަމިއްލަ މީހުން މެރުމާ ދެކޮޅަށް ޔަހޫދީ އާބާތަކުގައި އާންމުން މަގުތަކަށް ނުކުމެ ނަތަންޔާހޫ މަގާމުން ދުރުކުރަން ގޮވައި ވަނީ ހަޅޭއްލަވާފަ އެވެ.

މިއީ ޒަޔަނިސްޓުންނާއި ހަމާސްއާ ދެމެދު ބަދަލުކުރެވޭ ހަމަލާތަކެއް ކަމަށް ބަޔަކު ބުންޏަސް، ހަމާސްއިން ދޭ ރައްދު ހަމަލާތަކުގައި ޔަހޫދީންގެ ތެރެއިން މަރުވެފައި ވަނީ ނިސްބަތުން މަދު ބައެކެވެ.

ޔަހޫދީންގެ ފަނާކުރަނިވި ހަމަލާތަކުގައި ފަލަސްތީނުން 18،700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ޣައްޒާ ހަނގުރާމަ ހުއްޓާލަން ގޮވާލައި އދ އަށް ކިތަންމެ ގަރާރެއް ހުށަހެޅި ނަމަވެސް، ޒަޔަނިސްޓުން ތިބީ ހަނގުރާމަ ހުއްޓާ ގޮތަކަށް ނޫނެވެ. އަނެއްކޮޅުން އެމެރިކާއިން ވެސް މި ހަނގުރާމަ ހުއްޓުވާކަށް ބޭނުމެއް ނުވެ އެވެ. އދ ގެ ސަލާމަތީ މަޖިލީހުގައި ބަހުސްކުރި ދެ ގަރާރެއް އެމެރިކާއިން ވަނީ ވީޓޯކޮށްފަ އެވެ.

ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެ ހަމާސް ބަލިކުރުމުގައި ހަރަކާތްތެރިވާ ޒަޔަނިސްޓު ސިފައިންގެ މެދުގައި މި ފަހުން ވަނީ ޚިޔާލު ތަފާތުވުން ތަކެއް އުފެދިފަ އެވެ. މިފަދަ ޚިޔާލުތަފާތުވުން ތަކުގައި އަމިއްލަ މީހުންނަށް ބޮޑެތި ގެއްލުންތައް ވެސް ވަނީ ލިބިފަ އެވެ.

ޔަހޫދީ ސިފައިންނަށް ލިބޭ ގެއްލުންތަކާ ގުޅިގެން ބޮޑުވަޒީރު ނަތަންޔާހޫއަށް އޮންނަ ތާއީދަށް ބުރޫއަރައި މަގާމުން ދުރުކުރަން ގޮވާލުން ވެސް ވަނީ އިތުރުވެފަ އެވެ.

ޣައްޒާއަށް އެއްގަމު މަގުން ނޭރުމަށް އެމެރިކާއިން އިންޒާރު ދީފައި ވަނިކޮށް -- ޒަޔަނިސްޓް ސިފައިންގެ ފަރާތުން މިހާރު ފެންނަމުންދާ އަމަލުތަކާ ހެދި ޔަހޫދީ ވެރިންގެ މެދުގައި ދެބަސްވުންތައް ވެސް ވަނީ އުފެދިފަ އެވެ.

ޒަޔަނިސްޓް ވެރިންގެ މެދުގައި މިހާރު އޮތް ގޮތަކީ ފައުޖުތައް އަލުން ރުކުރުވާލުމަށް ހަމަލާތައް މެދުކަނޑާލުމެވެ. ހަމަލާތައް މެދުކަނޑާލުމަކީ ހަމާސްއަށް ވެސް ލިބޭނެ ފުރުސަތަކަށް ވާތީ މިއީ ވެސް މި ވަގުތު ކުރެވެން އޮތް ކަމެއް ނޫން ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ.

ޣައްޒާއިން ޔަހޫދީ ސިފައިން ބާލައިފި ނަމަ ވަރަށް ބޮޑު ބައްޔަކުން ޒަޔަނިސްޓުން ބަލިވީ ކަމަށް ދުނިޔެ ދެކޭނެ އެވެ. މިކަމަށްޓަކައި ވެސް މި ފަދަ ރޭވުމެއް ޔަހޫންދީނަށް ރޭވޭކަށް މިވަގުތަކު ނެތެވެ.