ކުޅުދުއްފުށި

ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ އިތުރު ދެ ބިދޭސީއަކު ކުޅުދުއްފުށިން ފެނިއްޖެ

ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ ބިދޭސީންތަކެއް ހދ. ކުޅުދުއްފުށިން ފެނިފައިވާތީ އެމީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ދަނިކޮށް އެ ސިޓީ އިން އިތުރު ދެ ބިދޭސީއަކު އަނެއްކާވެސް ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކުޅުދުއްފުށިން ފައިލޭރިއާ ޖެހިފައިވާ ބިދޭސީންތަކެއް އެންމެ ފުރަތަމަ ފެނުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕްގައި ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފައިލޭރިއާއަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ތެެރެއިންނެވެ.

ކުޅުދުއްފުށިން އެންމެ ފުރަތަމަ ފެނުނު 17 ބިދޭސީންނަކީ ފައިލޭރިއާ ފެތުރޭ ގައުމުތަކުން ރާއްޖެ އައި ބައެއް ކަމަށް އެޗްޕީއޭ އިން ކުރިން ބުނެފައިވެ އެވެ. އަދި އެ މީހުންނާ އެކު ދިރިއުޅޭ އެހެން މީހުން ޓެސްޓް ކުރަމުންދާނެ ކަމަށް އޭރު އެ އެޖެންސީ އިން ބުންޏެވެ.

ފައިލޭރިއާ ޖެހިގެން ކުޅުދުއްފުށިން ފަހުން ފެނިފައިވާ ދެ ބިދޭސީންނަކީ ކުރިން ފެނުނު ބިދޭސީންނާ އެކު ދިރިއުޅުނު މީހުން ބައްޔަށް ސްކްރީން ކުރުމުގެ ތެރެއިން ފެނުނު ބައެކެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އިން ބުނީ ފައިލޭރިއާއަށް މި ވަގުތު އެ ރަށުގައި ޓެސްޓް ކުރަނީ ހަމައެކަނި ބިދޭސީން ކަމަށެވެ. ކުޅުދުއްފުށީގައި ބަލި ފެތުރުމުގެ ފުރުސަތު ކަންބޮޑުވާންޖެހޭ މިންވަރަކަށް ނެތް ކަމަށާއި އެހެންވެ ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ބިދޭސީންވެސް މިވަގުތު އެކަހެރި ނުވަތަ އައިސޮލޭޓް ނުކުރާ ކަމަށެވެ.

ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަވާ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.

އެޗްޕީއޭ އިން ބުނީ ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތްތަކާ ގުޅޭގޮތުން ޑަބްލިއުއެޗްއޯއާ އެކު މަޝްވަރާކުރަމުންދާ ކަމަށެވެ.

ފައިލޭރިއާ އަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ އަދި ގައިންގަޔަށް އަރާ ބައްޔެކެވެ.

ފައިލޭރިއާގެ އަލާމާތްތަކަކީ ބައެއް ހަންގަނޑު ބޯވާން ފެށުމާއި ފައި ދުޅަވުމެވެ.