އެޗްޕީއޭ

ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންނަށް ފަރުވާ ދޭން ފަށަނީ

ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ ބިދޭސީންތަކެއް ހދ. ކުޅުދުއްފުށިން ފެނިފައިވާތީ އެމީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކުޅުދުއްފުށިން ފައިލޭރިއާ ޖެހިފައިވާ ބަޔަކު ފެނުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕްގެ ތެރެއިންނެވެ.

އެޗްޕީއޭ އިން ބުނީ ކުޅުދުއްފުށިން ފެނުނު 17 މީހުންނަކީ ފައިލޭރިއާ ފެތުރޭ ގައުމުތަކުން ރާއްޖެ އައި ބައެއް ކަމަށެވެ. އަދި އެ މީހުންނާ އެކު ދިރިއުޅޭ އެހެން މީހުންވެސް ޓެސްޓް ކުރަމުންދާ ކަމަށް ބުންޏެވެ.

އެޗްޕީއޭ އިން ބުނީ ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ފަރުވާ ދެވޭނެ ގޮތްތަކާ ގުޅޭގޮތުން ޑަބްލިއުއެޗްއޯ އާއެކުވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.

ފައިލޭރިއާ އަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ އަދި ގައިންގަޔަށް އަރާ ބައްޔެކެވެ.

ފައިލޭރިއާގެ އަލާމާތްތަކަކީ ބައެއް ހަންގަނޑު ބޯވާން ފެށުމާއި ފައި ދުޅަވުމެވެ.