މިއަދާ ހަމައަށް ވެސް އުތުރުގެ ކުޅުދުއްފުށި ސިޓީގައި ކޮވިޑް ފެސިލިޓީއެއް ގާއިމު ކޮށްފައި ނެތުމުން ކަންބޮޑުވާ ކަމަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މެނޭޖަރު އަހްމަދު ދާއޫދު ވިދާޅުވީ އެ ރަށުގައި ކޮވިޑް ފެސިލިޓީއެއް ގާއިމު ކޮށްދޭން ސަރުކާރު އިދާރާތަކުގައި އެކި ފަހަރު އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ސިޓީގައި ކޮވިޑް ފެސިލިޓީއެއް ނެތުމުން ރައްޔިތުން އެކަމާ ކަންބޮޑުވާ ކަމަށެވެ.
"އަޅުގަނޑުގެ ސޯޝަލް މީޑިއާގެ ތަފާތު އެކައުންޓްތައް ބޭނުންކޮށްގެން ވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފިން. އެކަމާ އުޅޭ ކަމަށް، ކަމާ ގުޅޭ ބޭފުޅުން ވިދާޅުވޭ. އަދި އެކަމަކު އެފަދަ ފެސިލިޓީއެއް ނެތް،" ދާއޫދު ވިދާޅުވި އެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރު ހަދީޖާ އަލީ ވިދާޅުވީ މިވަގުތު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 24 ކޮޓަރީގެ އިމާރާތެއް ކަމަށެވެ. ނަމަވެސް އެ އިމާރާތުގެ މަތީ ފްލޯތަކަށް ބަލި މީހުން ގެންދަން ބޮޑެތި ދަތިތަކެއް ހުރުމުން އެ އިމާރާތުގައި ބޭނުން ކުރަނީ ތިރީގައި ހުރި ހަތަރު ކޮޓަރިއެއް ކަމަށެވެ.
"އެތަނުގައި މިޖެހެނީ އަޅުގަނޑުމެންގެ މެޑިކަލް އޮފިސަރުން ވެސް ޕީޕީލާފައި ބާލާފައި އަދި ފެންވެރުމުގެ ކަންކަން ވެސް ހަމަޖައްސަން. އެހެންވެ އެތަނުގައި ހިދުމަތް ދިނުމުގައި ވެސް އެބަހުރި ދަތިތައް،" ހަދީޖާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮވިޑް ފެސިލިޓީގެ ގޮތުގައި މިވަގުތު ބޭނުންކުރާ ތަނުގައި ހިދުމަތް ދެވޭ ގޮތަށް އެކަށީގެންވާ ޖާގަ ނެތުމުން އާންމުންގެ ޝަކުވާތައް އެބަހުރި ކަމަށެވެ. އެކަންކަން ހައްލު ކުރުމަށް ހޮސްޕިޓަލްގެ ފެންވަރުގައި ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ކުޅުދުއްފުށްޓަކީ މާލެ ފިޔަވާ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ސަރުކާރުގެ އެންމެ ބޮޑު އެއް ހޮސްޕިޓަލެވެ.
ކޮވިޑް-19 އިގެ ހާލަތުގައި މޮނިޓަރިންގައިވާ އުތުރުގެ ބައެއް ރަށްތަކުގެ މީހުން މިހާރު ވެސް ސިއްހީ ހިދުމަތް ހޯދަން ކުޅުދުއްފުށްޓަށް ދަތުރު ކުރެ އެވެ. އަދި އެފަދަ ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވް ވުމުން އެރަށުގައި ބައިތިއްބައިގެން ހިދުމަތް ދޭނެ ފެސިލިޓީއެެއް ނެތުމުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ކޮވިޑް ފެސިލިޓީއެއް ކުޅުދުއްފުއްޓަށް މިވަގުތު ވަރަށް މުހިއްމު ކަމަށެވެ. އެހެންކަމުން ސަރުކާރުން އަވަސް މުސްތަގުބަލެއްގައި ކުޅުދުއްފުށީގައި ކޮވިޑް ފެސިލިޓީއެއް ގާއިމު ކޮށްދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކުޅުދުއްފުށީގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކޮށްފައި ނުވާތީ ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު އަބުދުލް ލަތީފް ވެސް މަޖިލީހުގައި އެ ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ.
ކުޅުދުއްފުށީގައި ކޮވިޑް ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.