އެޗްޕީއޭ

ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25 އަށް

ހދ. ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދު 25 އަށް އަރައިފި އެވެ.

ކުޅުދުއްފުށިން ފައިލޭރިއާ ޖެހިފައިވާ ބިދޭސީންތަކެއް އެންމެ ފުރަތަމަ ފެނުނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ކުޅުދުއްފުށީގައި ބިދޭސީންނަށް ހިންގުނު ހެލްތު ސްކްރީނިންގް ކޭމްޕުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިމަހުގެ ފުރަތަމަ ދުވަހުން 19 އަށް 439 މީހުން ސްކްރީން ކުރެވިފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 25 މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ފައިނޭރިއާއަށް ޕޮޒިޓިވްވެފައިވާ މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާންމުކޮށް ފެންނަ "އެންޑެމިކް" ގައުމުތަކުންކަން ފާހަގަކުރެވިފައިވާ ކަމަށާއި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަވާ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.

ފައިލޭރިއާ އަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ އަދި ގައިންގަޔަށް އަރާ ބައްޔެކެވެ. ފައިލޭރިއާގެ އަލާމާތްތަކަކީ ބައެއް ހަންގަނޑު ބޯވާން ފެށުމާއި ފައި ދުޅަވުމެވެ.