ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށް މުޅި ރާއްޖޭގައި ސްކްރީނިން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މި ޕްރޮގްރާމް ފަށާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
މި ޕްރޮގްރާމްގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ބައެއް ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައިވެސް ސްކްރީނިން ކުރިއަށްދާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
މި ސްކްރީނިންގައި ބައިވެރިކުރެވޭނީ ކޮންމެ ރަށަކުންވެސް ވަކި އަދަދަކަށް ގުރުއަތުން ހޮވާލެވޭ އުމުރުން 18 އަހަރުން މަތީގެ ދިވެހިންނާއި ބިދޭސީންނެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ފައިލޭރިއާއަށް ޓެސްޓް ކުރެވޭނީ ލޭ ނަގައިގެން އެންޓިޖަން ޓެސްޓް ކިޓް ބޭނުންކޮށްގެންނެވެ. ޓެސްޓުގެ ނަތީޖާ 10-15 މިނެޓް ތެރޭގައި ލިބޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނީ ޓެސްޓް ހެދުމަށްފަހު ޕޮޒިޓިވްވާ މީހުން ފައިލޭރިއާއަށް ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭސް ސިއްހީ ހިދުމަތްތެރިއެއްގެ ބެލުމުގެ ދަށުން ދެވޭނެ ކަމަށެވެ.
"މި ބޭސް ކާންޖެހެނީ އެއްފަހަރު. ޕޮޒިޓިވްވާ މީހުން މި ބޭސް ކެއުމުން އެ މީހުންގެ ބައްޔަށް ފަރުވާ ކުރެވުމާއެކު އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުންވެސް ހުއްޓުވޭނެ،" އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެޗްޕީއޭ އިން ބުނީ ސްކްރީނިންގައި ބައިވެރިވުމަށް ގުރުއަތުން ހޮވޭ ގޭގެއަށް ޓީމުތައް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ހަވީރު 4:00 އިން ރޭގަނޑު 9:00 އާ ދެމެދުގެ ވަގުތެއްގައި ޒިޔާރަތްކުރާނެ ކަމަށެވެ.
މީގެ އިތުރުން މި ސްކްރީން ޕްރޮގްރާމަށް ޕްރީޓެސްޓް ކުރުމުގެ މަސައްކަތް ހުޅުމާލެއިން ހޮވާލެވޭ ސަރަހައްދުތަކެއްގައި މާދަމާ ކުރިއަށްދާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.
ފައިލޭރިއާއަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމާފައި މިވަނީ ފައިލޭރިއާ ޖެހިފައިވާ ބިދޭސީންތަކެއް މިފަހުން ރާއްޖެއިން ފެނިފައިވަނިކޮށެވެ.