ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
ޝިފާއު މިކަން ހާމަކުރެއްވީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މިހާރުގެ ޖުމްލަ އަދަދަކީ 80 މެންބަރު ކަމަށް ކަނޑައެޅުމަށް އޭނާ މަޖިލީހުގެ ގަވައިދަށް ހުށަހެޅި އިސްލާހު ދިރާސާކޮށް ކޮމިޓީން ހުށަހެޅި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މިއަދު ކުރިއަށް ދިޔަ ބަހުސް ގައެވެ.
މަޖިލީހަށް 87 މެންބަރުން އިންތިހާބު ކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މަސައްކަތް ކުރެއްވުމަށްޓަކައި ހަތް މެންބަރަކު ވަނީ މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެެއްވާފަ އެވެ.
ޝިފާއު ހުށަހެޅުއްވި ގޮތަށް މަޖިލީހުގެ ތަޅުމުން އިސްލާހު ފާސްވެއްޖެނަމަ އެހެން ޕާޓީއެއްގެ އެހީތެރިކަަމަކާ ނުލައި އެމްޑީޕީއަށް ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ދުރުކުރެވޭނެ އެވެ. ޝިފާއު ހުށަހެޅި ގޮތަށް އިސްލާހު ފާސްވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރަން ބޭނުންވާނީ 54 މެންބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތުވެސް 56 މެންބަރުން އެބަތިއްބެވި އެވެ.
ކޮމިޓީ ރިޕޯޓަށް މިއަދު ބަހުސްކުރައްވަމުން ޝިފާއު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި ގާނޫނީ ހުކޫމަތެއް އޮތް ކަމަށް ދިވެހި ރައްޔިތުން މިއަދު ގަބޫލުނުކުރައްވާ ކަމަށެވެ.
"ރައްޔިތުން މިއަދު ފާޅުކުރާ ހިޔާލުތަކާއެކު އަޅުގަނޑަށް ޔަގީންވެ ކަށަވަރުވަނީ މިއަދު ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ އެންމެ މުހިއްމު އެންމެ އިސްކަމެއް ދޭންވީ މަސައްކަތަކީ މިއަދުގެ ރައީސުލްޖުުމްހޫރިއްޔާ އަޒުލުކުރުމުގެ މަސައްކަތް،" ޝިފާއު ވިދާޅުވި އެވެ.
މަޖިލީހުގެ ޖުމްލަ މެންބަރުންގެ މިހާރުގެ އަދަދަކީ 80 މެންބަރުން ކަމަށް ކަނޑައެޅުމަށް ޝިފާއު ހުށަހަޅުއްވާފައިވާ އިސްލާހުގެ ބަހުސްގައި ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ އިސްލާހާ ދެކޮޅު ކަމަށް ވިދާޅުވެފަ އެވެ.