ޑރ. މުހައްމަދު މުއިއްޒު

ޒަކާތަށް ހާއްސަ އިދާރާއެއް އުފައްދަވައިފި

ޒަކާތުގެ ކަންކަން ހަރުދަނާކުރަން "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ހާއްސަ އިދާރާއެއް އުފައްދަވައިފި އެވެ.

ގާނޫނުއަސާސީ އިން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން އުފެއްދެވި މިއިދާރާ ހިންގާނީ އިދާރާ އިސްލާމިކް މިނިސްޓްރީގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުންވެސް ހިމެނެ އެވެ.