ޒަކާތް

ޒަކާތުގެ ކަންކަން ހަރުދަނާކުރަން ވަކި އިދާރާއެއް ގާއިމުކުރަނީ

އިސްލާމިކް މިނިސްޓްރީގެ ދަށުން ވަކި އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި އިދާރާއެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ޒަކާތު ހައުސްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީއާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ހިމެނެ އެވެ.

މީގެ އިތުރުންވެސް މުދަލު ޒަކާތާއި ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމާއި، ޒަކާތުގެ ކަންކަން ޝަރީއާ ބޯޑަކުން ސުޕަވައިޒުކޮށް، ޒަމާނީ ފިގުހުގެ އަލީގައި ކުރިއަށް ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުން ހިމެނެ އެވެ. އަދި ޒަކާތާ ބެހޭގޮތުން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގައި، މުދަލު ޒަކާތް ނެރުން ވާޖިބުވާ މީހުންގެ ތެރެއިން މުދަލު ޒަކާތް ނެރޭ އަދަދު ބޮޑުތަނުން އިތުރުކުރުންވެސް ހިމެނެ އެވެ.

ފަގީރުންގެ ގޮތުގައި ދަފްތަރުކުރެވިފައިވާ ފަރާތްތައް މާލީ ގޮތުން ފުދުންތެރި އުފެންދުންތެރި ބަޔަކަށް ހަދައި ރާއްޖެއިން ފަގީރުކަން ނައްތާލުމަށްޓަކައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުންވެސް މޯލްޑިވްސް ޒަކާތު ހައުސް އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް ގައިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވެސް ހިމެނޭ ކަމެކެވެ.