ޒަކާތް

ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާހުކުރުން އަންނަ މަހު ދޭއްގައި

ރާއްޖޭގެ ޒަކާތުގެ ކަންކަން ހަރުދަނާކުރަން އުފެއްދެވި "މޯލްޑިވްސް ޒަކާތު ހައުސް" އަންނަ މަހުގެ ދެވަނަ ދުވަހު ރަސްމީކޮށް އިފުތިތާހުކުރަން ނިންމައިފި އެވެ.

ޒަކާރުގެ ނިޒާމު ހަރުދަނާކުރަން އިސްލާމިކް މިނިސްޓްރީގެ ދަށުން ވަކި އިދާރާއެއްގެ ގޮތުގައި "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިމަހުގެ 10 ވަނަ ދުވަހު އެވެ.

ޒަކާތު ހައުސްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީއާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ހިމެނެ އެވެ.

ގާނޫނުއަސާސީ އިން ރައީސްއަށް ލިބިދޭ ބާރުގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސް އުފެއްދެވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުންވެސް ހިމެނެ އެވެ.