ޑރ. މުހައްމަދު މުއިއްޒު

ރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކޮށް ދެއްވައިފި

ޒަކާތުގެ ކަންކަން ހަރުދަނާކުރުމަށް ރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކޮށް ދެއްވައިފި އެވެ.

ރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކޮށް ދެއްވީ އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ހަފުލާގައި ރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ ދައްކާލައިފައިވާ އިރު ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެ އެވެ.

ޒަކާތުގެ ނިޒާމު ހަރުދަނާކުރަން އިސްލާމިކް މިނިސްޓްރީގެ ދަށުން ވަކި އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ގާއިމުކުރުމަށް ރައީސް މުއިއްޒު ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ.

ޒަކާތު ހައުސްގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތު ސެކްޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ޒަކާތުގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުން ބައެއް ޝަރީއާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު ތަރައްގީކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ހިމެނެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުންވެސް ހިމެނެ އެވެ.