ހަބަރު

ޓީޗަރުންނަށް 1200 ސްކޮލާޝިޕްދޭ ސްކީމް އިފުތިތާހުކޮށްފި

Jan 26, 2015

ޓީޗަރުންނަށް 1200 ސްކޮލާޝިޕް ހަވާލު ކުރުމުގެ ސްކީމް "ތަހުޒީބު މުޖްތަމައަކަށް ގާބިލު މުދައްރިސުން ބިނާކުރުން" މިރޭ ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ކާނިވާ ސްޓޭޖްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި މި ހާއްސަ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި ތިބި ޓިޗަރުން ވަޒީފާގައި ތިބެގެން ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތުދޭ މި ޕްރޮގްރާމް މިރޭ އިފްތިތާހު ކުރި އިރު ޕްރޮގްރާމްގައި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސެޓްފިކެޓް ލެވެލްގެ ސަނަދު އޮތް މުދައްރިސުން، ވަޒީފާއިން ވަކިނުކޮށް، އެމީހުން ވަޒީފާގައި ތިބެ، އިތުރަށް ކިޔެވުމުގެ ފުރުސަތު ލިބެ އެވެ. އަދި ޑިޕްލޮމާ ފެންވަރަށް ކިޔަވާފައި ތިބި މުދައްރިސުންނަށް ވަޒީފާގައި ތިބެގެން ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ލިބެއެވެ.

އަދި އޭ ލެވެލް އިމްތިހާނުން ތިން ފާސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މުދައްރިސްކަން ކިޔެވުމަށް ހުށަހަޅާ ފަރާތްތަކަށް ސްކޮލާޝިޕްވެސް މިރޭ އިފްތިތާހް ކުރެވުނު ޕްރޮގްރާމްގެ ދަށުން ލިބެ އެވެ.  

މިރޭގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ތައުލީ ދާއިރާއަށް ކޮށްދެއްވަމުންދާ ޚިދުމަތުގެ އަގު ވަޒަންކޮށް އެކަމަނާއަށް ހާއްސަ ޝަރަފެއްގެ ގޮތު، މުދައްރިސްކަމުގެ ޝަރަފުގެ އައްޑަނަ އެރުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.