އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިމަހުގެ 18 ވަނަ ދުވަހު އޮތް ޖަލްސާގައެވެ.
މި ގާނޫނުގައި ާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ކަނޑައަޅާފައިވެ އެވެ. އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާ ގުޅޭ އުސޫލުތައްވެސް މި ގާނޫނުގައިވެ އެވެ. މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާ ގުޅޭ އުސޫލުތަކާއި، ޓްރޭޑް ޔޫނިއަންތަކާ ގުޅޭ އެނޫންވެސް ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތަކެއްވެސް ގާނޫނުގައިވެ އެވެ.
މިގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރާ އޮފް ޔޫނިއަންސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަން ލާޒިމުކޮށްފައިވެ އެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމުގައާއި ގާނޫނާ ހިލާފުވާ ޔޫނިއަންތަކާ މެދު ފިޔަވަޅު އެޅުމުގައި ގަވާއިދުތައް ހަދަންޖެހޭ ފަރާތަކީ ރަޖިސްޓްރާ އޮފް ޔޫނިއަންސް އެވެ.
މިގާނޫނުގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް އަމަލުކުރަން ފަށާތާ މަސްދުވަހުގެ ތެރޭގައި، ކުރިން އެހެން ގާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން އަލުން ރަޖިސްޓަރީ ކުރަންޖެހެ އެވެ.
މިގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިންމަސް ދުވަހުގެ ތެރޭގައި އަށް މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރައިޕަރޓައިޓް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފެއްދުމާއި މި މުއްދަތުގެ ތެރޭގައި "އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަން"ގެ ވަކި ޑިވިޒަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށްވެސް ގާނޫނުގައިވެ އެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ބިލް ރައީސް މިއަދު ތަސްދީގުކުރެއްވި ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާތާ ތިންމަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުން ހައްލުކުރުމުގައި މުއާމަލާތްކުރުމުގެ ގަވާއިދު އުވިގެންދާނެ އެވެ.