މާލެ ސަރަހައްދުން ގޯތި ނުވަތަ ފްލެޓް ލިބޭނެ ކަމަށް ލިސްޓުކޮށް ގެޒެޓްކޮށްފައިވާ މީހުންނަށް ރަޖިސްޓްރީ މި ހަފްތާއާއި އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފައިނަލް ލިސްޓުގައި ތިބި މީހުންނަށް ގޯތި ނުވަތަ ފްލެޓްތަކުގެ ރަޖިސްޓްރީ ހަދައި އެ ހަވާލުކުރާނެ ކަމަށެވެ.
"މިއަންނަ ހަފްތާ އާއި މި ހަފްތާގައި ރަޖިސްޓަރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދާނެ" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނުހިއްކާ ހުރި ސަރަހައްދުތަކުން ގޯތި ނުވަތަ ފްލެޓް ލިބިފައިވާ މީހުންނަށް ގޯތި ހަވާލުކުރުމަށް އެސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
"ގުޅީފަޅާފައި ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމަށްވެސް ތައްޔާރުވަމުންދަނީ" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއަކީ ފުށިދިއްގަރުފަޅު ހިއްކާ އެތަނުގައި "ރަސްމާލެ" ނަމުގައި ސިޓީއެއް ތަރައްގީކުރުމެވެ. އެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި ކުރީގެ ސަރުކާރުން ފެށި ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތާއި ގިރާފަޅާއި ގުޅިފަޅު ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ.